ސްކޭމް ކޮށްގެން މީހެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ފޭރުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޏ. ފުވައްމުލައް/ ދޫޑިގަން, ގޯލްޑަންގޭޓް, އިބްރާހިމް ޝާރިފް (34އ) އާއި ފ. ފީއަލި/ މަތަރެސްމާގެ, ޖިނާހު އަހުމަދު (29އ) އާއި ފ. ނިލަންދޫ/ ނަޒުމު, އިބްރާހިމް މުއާޒު (38އ) އަދި ލ. ގަން/ މަތިމަރަދޫ, ލިލީނައިޓް, އަލީ ދާއިން (21އ) އެވެ.
ފުލުހުން ބުނީ, އެ މީހުން ހައްޔަރުކުރީ 24 އޮކްޓޫބަރު 2026 ގައި ކާކުކަން ނޭނގޭ ފަރާތަކުން, މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި, އެ ކޯޑު ބޭނުންކޮށްގެން ބޭންކް އެކްސެސް ހޯދައި, މީހެއްގެ އެކައުންޓުން 63,000ރ. އާއި 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު 10 ދުވަހަށް އަދި ދެންތިބި ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.


