ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

ހުޅުމާލެ ހޮސްޕިޓަލް ---

ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 10:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ސީންއަށް އެޓެންޑުވި އިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ ކެފޭގައި މަސައްކަތްކުރާ ހަތަރު ބިދޭސީންނަށް ކަމަށާއި އެ ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަރުވާ ދެމުންދާ ބިދޭސީންނަށް ލިބިފައިވަ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ، ހާދިިސާގައި ކެފޭގެ އިމާރާތަށާއި ބަދިގޭގެ ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ބުންޏެވެ.