އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކުރި މީހާ ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑުރަގް އޭޖެންސީ މަރުކަޒަށް ބަދަލުކޮށްފައި ހުއްޓާ ފިލައިފި އެވެ.
ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގައި ހއ. ހޯރަފުށީ، ނޫވިލުގެ، އަހުމަދު ފައިރިޝް (43އ) ހައްޔަރުކުރީ 17 އޮކްޓޫބަރު 2026 ގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުންގެ ރަސްމީ ތަރުޖަމާނަކަށް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް ދެންމެ ވިދާޅުވީ، ފައިރިޝް ފުލުހުންގެ ހައްޔަރުން ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައި އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ހޯދައި، އަނބުރާ މަރުކަޒަށް ގެންދިޔަ ކަމެއް ވިދާޅެއް ނުވެ އެވެ.
ފައިރިޝް އަކީ މީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ފުލުހުން މީގެ ކުރިން ވަނީ ފައިރިޝްއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެފަ އެވެ.


