ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލާގައި ފިޔަވަޅު އަޅަން ރިޔާސީ ކޮމިޝަނެއް އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ މައްސަލަ ބަލަން ކޮމިޝަނެއް އުފައްދަވާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ”އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން“ގެ ނަމުގައި ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިއަށްދާނޭ ގޮތެއް ހޯދުމަށް އައްޔަންކުރި ބައިނަލްއަގުވާމީ ދެ މާހިރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ގެއްލިގެން ދިޔައީ، ރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ، އެއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވާތީ އެ މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުން ކަމަށެވެ.

އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ:

  1. ކޮމިޝަންގެ ރައީސް ކަމަށް އަހުމަދު ޝާކިރު (ކަށިމާ ޝާކިރު)
  2. އަބްދުލްއަޒީޒް ޔޫސުފް
  3. ޑރ. އާމިނަތު ޝާފިޔާ އާދަމް
  4. ޑރ. އަބްދުލްމުހްސިން މުހައްމަދު
  5. ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ސޯދިގު
  6. އަހުމަދު އަލީމަނިކު
  7. ފާތިމަތު މިންހަތު އިއްޒަތު

ރައީސް އޮފީހުން ބުނި ގޮތުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކަކީ އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާ ހަމައަށް އަދި އެ މައްސަލަ ކުރިއަށްދިޔަ އިރުގައާއި މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ވަށައިގެން ހުރި ހުރިހާ ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި އިހުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި އެކަމުގައި ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުން ކަމަށެވެ.

އޭގެ އިތުރުން އެ ފަރާތްތަކުގެ އިހުމާލެއް އޮތްތޯ ބަލައި ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައަޅައި އަދި މައްސަލައިގެ ލިޔެކިޔުންތައް އޭރު ރައްކާކުރި ގޮތް ބަލައި ކޮމިޝަނުގެ ތަހުގީގަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމްކުރަން ކޮމިޝަނަށް ފެންނަ އިސްލާހުތައް ހުށަހެޅުމަކީވެސް އެ ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކޮމިޝަން ދެމި އޮންނާނީ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ކަމަށެވެ.