އަންނަ އަހަރު އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ލިބޭނެ އަދަދު 75 ޕަސެންޓް މަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ޖުމުލަ 334.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ މަލްޓިލެޓަރަލް އޯގަނައިޒޭޝަންތަކުންނެވެ. އެއީ 235.8 މިލިއަން ރުފިޔާ އެވެ. ގައުމުތަކުން 55.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު, އެހެނިހެން ގޮތްގޮތުން 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ގައުމުތަކުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ހިލޭ އެހީގެ ތެރެއިން އެންމެ ގިނަ އަދަދެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ އަވަށްޓެރި އިންޑިއާ އިންނެވެ. އެ ގައުމުން 26.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ނަމަވެސް މި އަދަދަކީ މި އަހަރުގެ މިހާތަނަށް ލިބޭނެ ކަމަށް އަންދާޒާ 105.7 އަށްވުރެ 75 ޕަސެންޓް ދަށް އަދަދެކެވެ.
ރާއްޖެއަށް ދެން ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ގައުމުތަކާއި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކަކީ:
- އިޓަލީ: 3.1 މިލިއަން
- ޔޫއޭއީ: 1.5 މިލިއަން
- ޖަޕާން: 400,000 ރުފިޔާ
- ސައުދީ: 23.1 މިލިއަން
- ޗައިނާ: 600,000 ރުފިޔާ


