އެންމެ ބޮޑު ވައްކަމަށްފަހު ބައިނޭންސް އިން 3.6 ބިލިއަން ޑޮލަރުގެ އެސެޓް ވިތްޑްރޯކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖު ކަމަށްވާ ބައިނޭންސް އިން ގާތްގަނޑަކަށް 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ކްރިޕްޓޯކަރަންސީ ހެކްކުރި ހާދިސާއަށްފަހު, އެ ކުންފުނީގެ ކަސްޓަމަރުން 3.6 ބިލިއަން ޑޮލަރުގެ އެސެޓް ވިތްޑްރޯކޮށްފި އެވެ.

މިދިޔަ ހަފުތާގައި ހިންގި މި ވައްކަމަކީ ސައިބާ ވައްކަމުގެ ތާރީހުގައިވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަމެވެ. ބައިނޭންސްގެ އިބްތިދާއީ ތަހުގީގުން ދައްކާ ގޮތުން, އެ ހަމަލާ ދީފައިވަނީ ބައިނޭންސްގެ އިންޖިނިއަރެއްގެ ލެޕްޓޮޕް މެދުވެރިކޮށް, ސާވިސް ކޮންޓެއިނަރަކަށް ވަދެގެންނެވެ.

އެ ސައިބާ ހަމަލާއާ ގުޅިގެން ބައިނޭންސް އިން ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުން ވަގުތީ ގޮތުން ހުއްޓާލި އިރު, އެމެރިކާގެ ފެޑެރަލް ބިއުތޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ހިމެނޭ ގޮތަށް ބޮޑެތި އިދާރާތަކުން ވަނީ މި ހަމަލާގެ ޒިންމާ އުތުރު ކޮރެއާއިން އުފުލަންޖެހޭނެ ކަމަށް ތުހުމަތުކޮށްފަ އެވެ.

ބައިނޭންސް އިން ބުނީ, މި ވައްކަމުގައި ގެއްލުނު އެސެޓްތަކުގެ ގާތްގަނޑަކަށް 95 ޕަސެންޓް އަނބުރާ ހޯދާފައިވާ ކަމަށާއި ބާކީ ހުރި މިންވަރު ހޯދުމަށް އިތުރު ވަގުތު ނަގާފާނެ ކަމަށެވެ.

”ނޮވެމްބަރު 1 ވަނަ ދުވަހުގެ 06:00 އާއި 15:30 [ޖީއެމްޓީ] އާ ދެމެދު، އަޅުގަނޑުމެން ޕްރޮސެސްކުރީ 4.649 ބިލިއަން ޑޮލަރުގެ ވިތުޑްރޯވަލްސް އަދި 1.01 ބިލިއަން ޑޮލަރުގެ ޑިޕޮސިޓް. އޭގެ ނަތީޖާއެއްގެ ގޮތުން ގާތްގަނޑަކަށް 3.64 ބިލިއަން ޑޮލަރު ވަނީ ނެޓް އައުޓްފްލޯގެ ގޮތުގައި ބޭރުވެފައި،“ ބައިނޭންސްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ, ބިޓްކޮއިން އަދި އިތީރިއަމް ފަދަ މުހިންމު 24 އަށްވުރެ ގިނަ ކްރިޕްޓޯކަރަންސީތަކުން ފައިސާ ނެގުމުގެ ހިދުމަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ. އަދި ސެކިއުރިޓީ ޗެކުތައް ނިމުމުން އެކި ފިޔަވަހިތަކަށް ބަހާލައިގެން އިތުރު ހިދުމަތްތައް އަލުން ދޭން ފަށާނެ ކަމަށްވެސް ބުންޏެވެ.