ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކުރި 4،000 ފްލެޓު ލިބުނު މީހުންގެ 59.6 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ފްލެޓްތައް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނުން މިއަދު ވަނީ ތަހުގީގުގެ ތަފުސީލު ހާމަކޮށްފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި 4،000 ފްލެޓަށް 20،697 މީހުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައެޅީ 18،167 ފޯމު ކަމަށް ބުންޏެވެ.
އޭސީސީން ބުނީ، އެ ކޮމިޝަންގެ ތަހުގީގަށް ފްލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ ތެރެއިން 4،048 ފޯމެއް ނަގައި ބެލި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓް ކަމަށާއި އަދި ޝަރުތު ފުރިހަމަވީި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓް ކަމަށް ބުންޏެވެ.
އޭސީސީން ބުނީ 59.6 ޕަސެންޓް ފޯމު ނުވަތަ ގާތްގަނޑަކަށް 2،400 ފޯމުގެ ޝަރުތު ހަމަނުވާ ކަމަށެވެ.
ފޯމުތަކުގައި ހުރި މައްސަލަތައް
- 4000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ މީހުން ހިމަނާފައިވުން
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން
- ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި
- ޕޮއިންޓު ދިނުމުގެ އިތުރަށް ޕޮއިންޓު ދީފައިވުން
- ގިނަ ފަރާތްތަކެއް ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު
އޭސީސީން ބުނީ ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި ގިނައީ އުސޫލުގެ ތިން ވަނަ ނަމްބަރުގެ (ނ)، މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކެނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތައް ކަމަށެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ