ތ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ، ވެރިކަމަށް ވަޑައިގަތުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުުފުޅުގައި ތ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފަ އެވެ. އެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ގުރައިދޫއަށެވެ. އެ ރަށަކީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެއް ރަށަކުން އެންމެ ބޮޑު ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.
ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެން ހުރި ގިނަ ކަންތައްތައް ހިމަނުއްވާފައިވާނެ ކަމަށެވެ. އެގޮތުން ގުރައިދޫ އެއާޕޯޓްގެ މަސައްކަތަކީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަމުން އެ މަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
”ބަޖެޓުން އުނިކުރިޔަސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެ ކަން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުން (ފުށިދިއްގަރުފަޅު މަޝްރޫއު) އިން ވެސް ފެނިގެން ދިޔަ. އެ މަޝްރޫއު އަޅުގަނޑުމެން ވާނީ ފަށާފައި…ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް (ގުރައިދޫ އެއާޕޯޓްގެ މަސައްކަތް) ފަށާނަން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ އިތުރުން ރަށުގެ ތަރައްގީ އަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭ ގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ އާއެކު ތަރުތީބު ކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: