ޓިކެޓް އަތުލައި އެމްޑީޕީން ވަކިކޮށްލި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ޖާބިރު މިއަދު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި ނިންމުން ބަލައިނުގަނެވޭނެ ކަމަށާއި އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އިސްތިއުނާފުކޮށްގެން ކާމިޔާބު ނުވިޔަސް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރުގެ ޓިކެޓް އަތުލައި ޕާޓީން ވަކިކުރަން ނިންމީ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހުއެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާކަން ސާބިތުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޖާބިރު ބައެއް ރަށްތަކަށް ވަޑައިގެން އެކި މީހުންނާ ދިމާލަށް އަވަގުރާނަ ގޮވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
“މި ކަމަކީ މި ޕާޓީ އާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ،” އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނިންމުމުގައިވެއެވެ.
ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ޖާބިރަށް ދެން އެމްޑީޕީގެ މެމްބަރަކަށް ވެވޭނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމުން ކަމަށެވެ. ޖާބިރުގެ ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރަށް ވެސް ވަނީ މަހިބަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިފައެވެ.
ގުޅުންހުރި