ޖުލައި 6, 2024

މައްސަލަ ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައި މަޖިލީހަށް މައްސަލައެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްﷲ ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއްވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅުން ޖެހިފައިވާ އަދި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހަރަދުކުރާ މީހުން ހިމެނޭ ކަމަށެވެ.

އެ ހާލުގައި އުޅޭ ގިނަ ބައެއްގެ ތަކުލީފުތައް ނިމުމަކަށް ގެންނަން، މައްސަލައެއް ނެތް ހުރިހާ ފްލެޓެއް ވީއެންމެ އަވަހަކަށް ހަވާލު ކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށްވެސް އީވާ ވިދާޅުވި އެވެ.

”މި މައްސަލާގައި ފްލެޓްތައް ދިން ގޮތާ މެދު ގިނަ ޝަކުވާތައް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ދަތި ހާލުގައި ދިރިއުޅުން ބިނާ ކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ މިއީ އެންމެ މުހިންމު އެއް ކަންތައް،“ އީވާ ހުށަހެޅި މައްސަލާގައިވެ އެވެ.

އީވާ ވިދާޅުވީ މައްސަލަ ހުރި ފްލެޓްތަކުގެ ކަންކަން ވެސް ވީއެންމެ އަވަހަކަށް ބަލައި އެ ފްލެޓްތައް ދޫކުރެވޭވަރު ކުރަންޖެހޭ ކަމަށެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މާލޭ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލަތުގައި ކަމަށާއި ދިރިއުޅުން ބިނާ ނުކުރެވިގެން އުޅެނީ އެ މީހުންނަށް އޮތް ގެދޮރުވެރިކަމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ރައްޔިތުން ވާނުވާގައި ތަޅުވަން ބައިތިއްބައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޝަނުން ބުނި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންގެ ޝަރުތު ހަމައެއް ނުވެ އެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގަ އެވެ.