ސައުދީ އަރަބިއާގައި ތިބޭ ދިވެހި ކިޔަވާކުދިން ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް އެހީވުމުން ހައްޖުވުމުގެ ފުރުސަތު ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ޑރ. ޝަހީމް ވިދާޅުވީ ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.
އެކަން ރަސްމީކޮށް މިއަދު ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.
”އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖެ އިން ރަސްމީ ކޯޓާގައި 1،000 މީހުން ހައްޖަށް ދާއިރުގައި، އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ ވަރަށް މުހިންމު ކަމެއް. އަރަބި ބަސް ދަންނަ މީހުން މަދުވީމާ ބައެއް ފަހަރު ވަރަށް ދަތިތައް ހައްޖުވެރިންނަށް ދިމާވޭ،“ ޝަހީމް ވިދާޅުވިއެވެ.
ސައުދީން ކުރިން ހަމަޖައްސާފައި ވަނީ އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިނުމަށެވެ.
ސައުދީ ސަރުކާރުގެ އެ ނިންމުމާ އެކު، އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާނެއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް އެ ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަށް ވަނީ އަންނަ ޖޫން މަހުގެ 16 އެވެ.
ޑރ. ޝަހީމް ވަޒީރުކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާކުރުމަށް އާ ގިނަ ކަންތައްތަކެއް އަންނަނީ ތައާރަފްކުރައްވަމުންނެވެ.

ގުޅުންހުރި
ޗަމްޕާ އާއިލާ އިން ދިއްފުއްޓަށް ކުނި މެނޭޖުކުރާ މެޝިނަރީޒް ހަދިޔާކޮށްފި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ