ސެޕްޓެމްބަރ 23, 2024

ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސްކަން ކަނބަލަކަށް

ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

ރާއްޖޭގެ ފުރަތަމަ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ފ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު ހައްވާ އަބްދުލް އަޒީޒެވެ.

އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް އޭނާ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ 941 ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 887 ވޯޓެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަލީ މުހައްމަދު މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވުމުންނެވެ.

މީގެއިތުރުން ވ. ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގަތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަން ވެސް މިއަދު އޮތެވެ. އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކާ ވާދަކުރައްވައި ފެލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ.

ރަސްގެތީމު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީއާ ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓެވެ.

Leave a Reply