ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންސާފު ލިބެން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ،
ދެކުނުގެ ހަތަރު އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ފެންނަމުން ދިޔައީ ގައުމުގެ ވެރިކަން ކޮށްފައި ތިބި ބޭފުޅުން ވެރިކަންކޮށް ނިމުމުން ގެންގޮސް ހައްޔަރުކުރާ މަންޒަރު ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ކިބައިން އެކަމެއް ނުފެންނާނެ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާ ދުވަސް ވެގެންދިޔަ އިރުގައި، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން. އެ މަނިކުފާނަށްވެސް އިންސާފު ލިބެން ޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިޒް ޑިނައިޑް. އެހެންވީމާ އެ މަނިކުފާނަށްވެސް އިންސާފު ޖުޑިޝަރީގެ ތެރެއިން ލިބެންވާނެ. އެ ޖުޑިޝަރީ އެ ހިނގަނީ އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި. އެހެންވީމާ އެ މަނިކުފާނަށްވެސް އިންސާފު ލިބި، ޖަސްޓިސް ސާވް ވުމަކީ މި ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް، އެމަނިކުފާނަށްވެސް އޮތް އެންމެ އިންސާފުވެރި ގޮތް،“ ރައީސް ވިދާޅުވި އެވެ.
ޝަރީއަތުގެ ތެރެއިން ޔާމީނަށް ދާދި އަވަހަށް އިންސާފު ލިބިގެންދިއުމަކީ އުންމީދެއްކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އަދުލުވެރިކަން އެންމެ ފުރިހަމަ މިނުގައި ގާއިމުކޮށްދޭނެ ސަރުކާރު ކަމަށްވެސް ވިދާޅުވިއެވެ.
”އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނަން، ކުޑައެއް ބޮޑެއް ނޯންނާނެ. ވާނުވާގައި ތިބޭ މީހުންވެސް، އެއީ އާދައިގެ ބަހުން ބުނާ އެއްޗެއް، އޭގެ މާނައަކީ ޝަރީއަތް ނުނިމި ލަސްވެގެންދާ ދިއުން. އެތައް ބަޔަކު، އެތައް އަހަރެއް ވެއްޖެ. އަޅުގަނޑު ވައުދުވިން އެ ފަރާތްތަކަށް އިންސާފު ގާއިމުކޮށްދޭނެ ކަމަށް. އެއީ އިންސާފު ލިބެންޖެހޭ އެތައް ސަތޭކަ ރައްޔިތުން. އެ މީހުންނަށްވެސް މި އަދުލުވެރިކަން ލިބެންޖެހޭ،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލައިފި
ކުށުގެ އަމަލުތަކަށް އަރައިގަންނަ ސަރަހައްދުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވެއްޖެ
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޮޑު ސްކޭމެއް، 2.9 މިލިއަން ރުފިޔާގެ ގެއްލުން
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
2026 އަށް މަޖިލީހަށް ބަޖެޓް ކަނޑައެޅުމުގެ ބައްދަލުވުން ސިއްރުކޮށްފި