އައިވީއެފް ފަރުވާއަށް އާސަންދަ ލިބޭނީ ފަރުވާ ފަށާއިރު އަނިމީހާގެ އުމުރުން 30 އަހަރު ފުރި، 42 އަހަރު ފުރިފައިނުވާ ނަމަ ކަމަށް އެންސްޕާއިން ބުނެފި އެވެ.
އެންސްޕާ އިން މިއަދު ވަނީ، އައިވީއެފް ފަރުވާއަށް އާސަންދަ ދިނުމާ ގުޅޭ ވަރުގަދަ އުސޫލެއް ހަދައި، އާންމުކޮށްފަ އެވެ.
އެ އުސޫލުގައިވާ ގޮތުން އާސަންދަ ސްކީމުގެ ދަށުން އައިވީއެފް ހެދުމަށް ކޮންމެ އަހަރަކު ވަކި ބަޖެޓެއް ކަނޑައަޅަންޖެހެ އެވެ. ކޮންމެ އަހަރަކުވެސް އެހީ ފޯރުކޮށްދެވޭނެ އަދަދު ކަނޑައަޅާނީ އުސޫލުގައި ބުނެފައިވާ ގޮތުން ބަޖެޓަށް ރިއާޔަތްކޮށެވެ. ކަނޑައަޅާ އަދަދަށް މީހުން ހޮވާނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށެވެ.
އެންސްޕާ އިން މިއަދު އާންމުކޮށްފައިވާ އުސޫލުގައިވާ އައިވީއެފްގެ އެހީ ލިބޭނެ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އައިވީއެފް ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 30 އަހަރު ފުރި، 42 އަހަރު ފުރިގެން ނުވާނެ އެވެ. އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިގެން ނުވާނެ އެވެ.
ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، ދިމާވާ ސިއްހީ ހާލަތަކާ ހެދި އައިވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާދީފައިވާނަމަ އަދި އެ އެހެން ޝަރުތުތައް ފުރިހަމަވާނަމަ އެހީއަށް ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ.
އައިވީއެފްގެ ފަރުވާއަށް އާސަންދަ ލިބޭނެ މީހުންގެ ހުންނަންޖެހޭ އެހެން ޝަރުތުތައް:
– އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން
– ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވުން. އައިވީއެފް އަކީ އެ ދެ މީހުންނަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދިނުން.
– އެހީއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން.
– އެހީ ހޯދާ ދެމަފިރިން އެހީއަށް އެދުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން.
– އެހީ ހޯދާ ދެމަފިރިން ކުރެ އެއްވެސް މީހަކީ، ފާއިތުވި ތިން އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
– އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން.
ގުޅުންހުރި
ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ:
ޕްރައިވެޓް އިނިޝުއަރެންސް އޮތަސް ޖީބުން ފައިސާ ދައްކަންޖެހޭނަމަ އާސަންދަ ލިބޭނެ
ކުރީގެ މެންބަރު ހަމީދުގެ ކުންފުންޏަށް 44 މިލިއަން ރުފިޔާ އާސަންދައިން ދިން
ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން މުހައްމަދު އިސްމާއިލް ގޮވާލައިފި
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
ޔޫރަޕް ކޮލިޓީގެ 7 ބޭހެއް އެސްޓީއޯއިން ވިއްކަން ފަށައިފި