އައްޑޫ ސިޓީ ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އަންނަ އެ ގައުމުގެ މަދަނީ މީހުން މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެކަމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ބޭއްވި މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލަން އެއްބަސްވެފައެވެ.
ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސ. ގަމުގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން މިހާރު އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން އަންނަ މަދަނީ މީހުން މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށާއި އެ ޓީމު މިރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސް ހޭންޑްއޯވާ/ ޓޭކްއޯވާގެ ކަންކަން ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެ ކަމަށްވެސް ބުންޏެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި ހިމެނިގެން ގަމުގައި އޮންނަ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިއުމަށްޓަކައި 27 ފެބްރުއަރީން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓުތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު 28 ފެބްރުއަރީގައި އައްޑޫ ސިޓީއަށް އަންނާނެ ކަމަށްވެސް ބުންޏެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކުގައި ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި އޮންނަ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވާ އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފައިބާނެއެވެ.

ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި