ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމަށް ފަހު ވެސް އެ އިންތިހާބު އޮންނާނީ ރޯދަމަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރީ މި މަހުގެ 11 ގައެވެ. އަދި މި މަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސަށް ފޮނުއްވި އެވެ.
ނަމަވެސް ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި ބިލު ތަސްދީގު ނުކުރައްވައި މިދިޔަ ހޯމަ ދުވަހު އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް އެދި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި އެވެ.
އެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވި އެވެ.
ބިލް މިގޮތަށް ފާސްކުރުމުން ގާނޫނުއަސާސީ ބުނާ ގޮތުން ބިލް ތަސްދީގުކުރުން ރައިސުލްޖުމްހޫރިއްޔާއަށް ލާޒިމުވާނެ އެވެ.
ނަމަވެސް ނ. ހޮޅުދު އަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޖިލިސް އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 17 ގައި ކަން ވަރަށް ހަރުއަޑުން ވިދާޅުވެފަ އެވެ.
”17 މާޗުގައި އޮންނަ އިންތިހާބުގައި ތިޔަބޭފުޅުން ނިންމައި ދެއްވަންވީ މުސްތަގުބަލް. އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުން އެދޭ މިސްރާބަށް ގެންދިއުމަށް އަތުކުރި އޮޅާލައިގެން ސަރުކާރާ އެކު ކުރިއަށް ދާން،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި މީޑިއާ ބިލް ތަސްދީގުކޮށްފި
ނެޓްފްލިކްސްގެ ރަސްކަމުގައި ސައްޔާރާ, ރާއްޖޭގެ ޓްރެންޑިންގެ އެއްވަނަ ވެސް ހޯދައިފި
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން
ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް
ދިޝާގެ ގެއަށް ބަޑި ޖެހި މީހުންނަށް ގައްޑާމީއެއް ނުވެވުނު، ފުލުހުންގެ އަތްދަށުވެ