ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިނގުރައިދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރުއްޔާ ވަނީ ’ފުޑް ސެކިއުރިޓީ‘ ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރަށް ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ގޮތް ޤާއިމުވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހަދަން ކަމުގައެވެ. އަދި އެކަން ހާސިލްވާނީ އުމްރާނީ، އިޤްތިޞާދީ، އަދި އިޖުތިމާޢީ ތަރައްޤީގެ ގޮތުން ފުދުންތެރިކަން ހާސިލްކުރެވުމާއެކު، އެހެން ބައެއްގެ އަތް މަތީގައި ޤައުމުގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލު ކުރެވުނު ދުވަހަކުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ އެ މަގުން ކަންތައްތައް ގެންދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވަޢުދަށް އިޙްތިރާމުކުރާނެކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ރ އަތޮޅުގައި ރައްޔިތުން އެދޭކަހަލަ އެއާޕޯޓެއް ޤާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން އެތައް ވަޒީފާއެއް އުފެދި ސަރުކާރަށް، ދައުލަތަށް، އަދި ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އިތުރުވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު