އިންޑިއާ އިން ނެގި 150 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ސަލާމް ކުރައްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް)ގެ ބާކީ އޮތް 50 މިލިއަން ދައްކައި ހަލާސްކޮށްފި އެވެ.

މިދިޔަ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 200 މިލިއަން ޑޮލަރު ނެގީ 2019 ވަނަ އަހަރު އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާ އިން އޮތީ މައާފުކޮށްދީފަ އެވެ.

ބާކީ އޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދައްކައިފަ އެވެ. އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ, އެ ފެސިލީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާއެކު, އެ 150 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.

އަދި މި ދަރަނި ދެއްކުމުގެ ސަބަބުން ތެލާއި ކަޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.