ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން އެތެރެކޮށް ވިއްކާ ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.
އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރުމުގެ ސަބަބުން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލުނެވެ. އޭރު ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
އެހެންވެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލްކުރުމަށް އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކުރަން ފެށި އެވެ. އެ ފިޔާ އެސްޓީއޯ އިން ވިއްކަމުން އައީ އެ ކުންފުނިން ކަނޑައަޅާފައިވާ އެންމެ މަތީ އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް، ޝަރުތުކުރުމަށްފަހު އެވެ.
އޭރު އެސްޓީއޯއިން އިލްތިމާސްކޮށްފައި އޮތީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާނެ އަގެއްގައި ވިއްކުމަށެވެ. އަދި އޭރު ފިޔާ ބަސްތާއެއް 450 ރުފިޔާއަށް ވިއްކަމުން އައި އިރު، ފަސް ބަސްތާ ވިއްކަމުން އައީ ބަސްތާއެއް 400 ރުފިޔާގެ މަގުންނެވެ.
އެސްޓީއޯ އިން މިއަދު ބުނީ، ރޯދައަށް ތައްޔާރުވުމުގެ ގޮތުން ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ ފިޔާ ކިލޯއަކުން ތިން ރުފިޔާ ހެޔޮކޮށް، ކިލޯއެއްގެ އަގު 17 ރުފިޔާއަށް ހަދައިފަ އެވެ.
އޭގެ އިތުރުން ފިޔާ ބަސްތާއެއްގެ އަގު ވަނީ 320 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. އެއީ 130 ރުފިޔާގެ ހެޔޮވުމެކެވެ.
އެސްޓީއޯ އިން ބުނީ، 10 ބަސްތާ ފިޔާ ވިއްކާނީ ބަސްތާއެއް 310 ރުފިޔާގެ މަގުން ކަމަށާއި 20 ބަސްތާ ފިޔާ ވިއްކާނީ ބަސްތާއެއް 300 ރުފިޔާގެ މަގުން ކަމަށެވެ.




ގުޅުންހުރި
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ފާސްކޮށްފި