ހެޔޮ ޢަމަލެއް ކުރަން މީހަކަށް މަގުދެއްކުމަކީ ނުހަނު މަތިވެރި ސަވާބާ ދަރުމަ ހުރި ކަމެކެވެ. އެހެންކަމުން މި ފަދަ ހެޔޮކަމުގެ މޫސުމެއްގައި ތިބާގެ އަމިއްލަ ނަފުސަށާއި ތިބާގެ ވަށައިގެން ތިބިހައި ބަޔަކަށް ހެޔޮކަމަކަށްދަޢުވަތެއް ދިނުން އެއީ އުފަލެއްކަމުގައި ދެކޭށެވެ. އެކަމަށް ޓަކައި ލޯތްބާއި ކުލުނުވެރިކަމުގެ ތެރެއިން ހިތްވަރު ހޯދާށެވެ. ތިބާގެ ފަރާތުން ނަސޭހަތް ލިބި ހެޔޮ ޢަމަލެއް ކުރަން އެހެން މީހަކަށް ނުވަތަ ބަޔަކަށް ހިތްވަރުލިބި އެ ޢަމަލެއްގެ މަތީ އެބަޔަކު ދެމިތިބިހައި ހިނދަކު، އެ ކަމުގެ ހެޔޮ ޒަޖާ ތިބާއަށް ލިބެމުން ދާނޭ ކަން ކަށަވަރެވެ. އަދި އެ ކަމުގައި އެ ޢަމަލު ކުރާ ފަރާތްތަކަށް ލިބޭ ސަވާބުން އެއްވެސް އެއްޗެއް އުނިވެގެން ނުވާނޭ ކަމަށް ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވައިފައެވެ.
قال النبي صلى الله عليه وسلم: «مَن سَنَّ سُنَّةً حَسَنَةً فَعَمِلَ بِـهَا، كَانَ لَهُ أَجْرُهَا وَمِثْلُ أَجْرِ مَنْ عَمِلَ بِـهَا، لَا يَنْقُصُ مِنْ أُجُوْرِهِمْ شَيْئًا وَمَنْ سَنَّ سُنَّةً سَيِّئَةً فَعَمِلَ بِـهَا، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِـهَا مِنْ بِعْدِهِ لَا يَنْقُصُ مِنْ أَوْزَارِهِمْ شيئًا» (رواه ابن ماجه: 169). މާނައީ: [)މި ދީނުގައި އޮތް( ހެޔޮ ކަމެއް ދިރުވައި، އެ ކަމަށް މަގުދައްކައިފި މީހާއަށް، އޭނާ އެދެއްކި މަގުން އެ ޢަމަލު ކުރާ ކޮންމެ މީހަކަށް ލިބޭ ދަރުމައާ އެއްވަރުގެ އަޖުރެއް (މަގުދެއްކި މީހާއަށް) ލިޔުއްވޭހުއްޓެވެ. (އޭގެފަހުން) އެކަން ކުރާ (އެއްވެސް) މީހެއްގެ ދަރުމައިން ސަވާބެއް އުނިކުރެއްވުމެއް ނެތިއެވެ. (މި ދީނުގައި ނެތް) ގޯސް ކަމެއް ދިރުވައި، އެ ކަމަށް ވަގުދައްކައިފި މީހާއަށް، އޭނާ އެދެއްކި މަގުން އެ ޢަމަލު ކުރާ ކޮންމެ މީހެއްގެ ނުބައިކަމާ އެއްވަރުގެ އަޒާބެއް (މަގުދެއްކި މީހާއަށް) ލިޔުއްވޭހުއްޓެވެ. (އޭގެފަހުން) އެކަން ކުރާ (އެއްވެސް) މީހަކަށް ލިބޭ އަޒާބުން މިންވަރެއް އުނިކުރެއްވުމެއް ނެތިއެވެ.[
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ޙަދީޘުން އެނގެނީ ހެޔޮ ޢަމަލުކުރުމަށް މީސްތަކުންނަށް ގޮވައިލިމުގެ ފައިދާ ވަރަށް ބޮޑުކަމެވެ. އަދި ހަމަ އެފަދައިން ނުބައި ކަމަކަށް މީހަކަށް މަގު ދެއްކިއްޖެ ނަމަ އެ ކަމުން ލިބޭނޭ ގެއްލުމާއި އެ ކަމުގެ ނުރައްކާތެރިކަން ވެސް ބާޔާންވެފައި އެބަ އޮތެވެ.
ރަމަޟާންމަހަކީ ހެޔޮކަންކަމުގެ މައްސަރެވެ. ނުބައިކަންކަމާ ދުރައްދާން ފަސޭހަ މައްސަރެވެ. އެކަކު އަނެކަކަށް ހެޔޮކަންކަމަށް ގޮވައިލައި އެ ކަމުގެ އަޖުރު ލިބުގަތުމަށް އަވަސްވެގަންނާން ވީ މައްސަރެވެ. ހަމައެހެންމެ ނުބައިކަންކަމުން މީސްތަކުން ދުރުކުރާ މީހަކު ކަމުގައި ވުމަށް ޢަޒުމުކަނޑައަޅަންވީ މައްސަރެވެ.
ހެޔޮ ކަންކަމަށް ގޮވައިލާ ނުބައި ކަންކަމުން ދުރުވުމަށް ނަސޭހަތްދޭންވީ ފުރަތަމަ ތިބާގެ އަމިއްލަ ނަފުސަށެވެ. އެއަށް ފަހު ތިބާއާ އެންމެ ކައިރިން ފެށިގެން ދުރަށް އެ ނަސޭހަތް ފޮނުވަންވީއެވެ. މި ތަރުތީބުން ބަލާއިރު އެންމެ ގާތްބަޔަކީ ތިބާގެ އަނބިދަރީންނެވެ. ދެން އެއަށް ފަހު ތިބާގެ މައިންބަފައިންނާއި އެއްބަނޑުތިމާގެ މީހުންނެވެ. އޭގެ ފަހުގައި ގާތްތިމާގެ މީހުންނާއި ދުރުތާތިމާގެ މީހުންނެވެ. އޭގެފަހުގައި އެކުވެރިންނާއި ރައްޓެހިންނެވެ.
ތިބާގެ ފުށުން މީހަކަށް ހެޔޮ ކަމަކަށް ދެވޭ ކޮންމެ ދަޢުވަތެއްގައި ދެ ފައިދާއެއް ވެއެވެ. ފުރަތަމައީ ދުނިޔޭގައި އުޅޭ އިންސާނަކު އިޞްލާޙުވާތަން ފެނުމެވެ. ކޮންމެ ފަރުދެއްގެ އިޞްލާޙި ބަދަލަކީ މުޖުތަމަޢަށް ލިބޭ ވަރަށް ބޮޑު ހެވެކެވެ. އިޖްތިމާޢީ އެތައް ބަލިމަޑުކަމަށް ދެވޭ ފަރުވާއެކެވެ. ފަރުދުންގެ އިޞްލާޙު ގުޅިފައި ވަނީ މުޖުތަމަޢުގެ އިޞްލާޙާއެވެ. އޭނާގެ އިޞްލާޙުގެ ސަބަބުން ކޮންމެ އާޢިލާއަކަށް ހިތްހަމަޖެހުން ގެނުވާނެއެވެ.
ދެވަނަ އުފަލަކީ ތިބާއަށް ލިބޭ ދަރުމައާއި ސަވާބު އިތުރުވެ ގިނަވުމެވެ. މަސައްކަތަކައި ނުލާ ލިބޭ އާމްދަނީއަށް އަޅުގަނޑުމެން އެންމެން ވެސް [ލޯބިކުރަމު] ނޫންތޯއެވެ. އިނގިރޭސި ބަހުން ދަންނަވާ ނަމަ އެއީ [passive income] (ޕެސިވް އިންކަމް) އެވެ. ދާއިމީގޮތަކަށް މަންފާ ލިބޭނޭހެން ބުރަކަމާ އެކު ކޮންފައި ހުންނަ މަސައްކަތެވެ. މިއީ ހަމައެކަނި ދުނިޔެވީ ދިރިއުޅުމަށް ހޯދެން އޮތް މަންފާއެއް ނޫނެވެ. އާޚިރަތައް ވެސް މިފަދައިން އިންވެސްޓު ކުރެވިދާނެއެވެ. ޙަދީޘުގައި އެވާ ފަދައިން ތިބާގެ ނަސޭހަތުން އެހެން މީހުން އިޞްލާޙުކުރާށެވެ. އެކަކު ނޫނެވެ. ގިނަ ސަވާބު ހޯދުމަށް ޓަކައި ގިނަމީހުންނަށް ދައުވަތުދީ ގިނަ މީހުން އިޞްލާޙުކުރާށެވެ!
އަޅުގަނޑުމެންގެ ޢަމަލުގެ ފަތްތަށް ހެޔޮ ފަޅިއަށް ބަރުކުރައްވާށިއެވެ. އަޅުގަނޑުމެންގެ ފުށުން ގިނަމީހުން އިޞްލާޙުކުރައްވާށިއެވެ. ރަމަޟާންމަހުގެ ހެޔޮކަމުން އަޅަމެން މަޙުރޫމުނުކުރައްވާށިއެވެ. ނަރަކައިން މުއްތިކުރައްވާ މީހުންތެރެއިން އަޅުގަނޑުމެންލައްވާށިއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. آمين، يا رب العالمين.
ގުޅުންހުރި
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
ހައްގަކާ ނުލައި، ވަރިވާން އެދޭ އަންހެނާގެ މައްޗަށް ސުވަރުގޭގެ ވަސް ހަރާމް
މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާންމުވެއްޖެ ތަނެއް މާތް ﷲ
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.