65 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ސިފައިން ބަޑިޖަހައިގެން މީހަކަށް މަރުގެ އަދަބު ދެނީ

އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ މޭޖަރު އަދި ސައިކިއޭޓްރިސްޓެއް ކަމަށްވާ ނިދާލް މާލިކް ހަސަން ---

އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ މޭޖަރު އަދި ސައިކިއޭޓްރިސްޓެއް ކަމަށްވާ ނިދާލް މާލިކް ހަސަންގެ މައްޗަށް ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން އިއުލާންކޮށްފި އެވެ.

މިއީ 1961 އަހަރަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން މިފަދަ އަދަބެއް ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން އެމެރިކާގެ އަސްކަރިއްޔާއިން ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.

ވާޖީނިއާއަށް ނިސްބަތްވާ ހަސަންއަކީ 5 ނޮވެމްބަރު 2009 ގައި ޓެކްސަސްގެ ފޯޓް ހޫޑް މިލިޓަރީ ބޭސްގައި ޑިއުޓީއަށް ފުރުމަށް ހަމަޖެހިފައި ތިބި އެމެރިކާގެ 13 ސިފައިންގެ ގަޔަށް ބަޑިޖަހައި މަރާލައި، އިތުރު 32 މީހުން ޒަހަމްކޮށްލި މީހެކެވެ. މިއީ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ހަމަލާ އެވެ.

އެ ހަމަލާގައި ގަސްދުގައި މީހުން މެރުމުގެ 13 ދައުވާއަކާއި މަރާލަން އުޅުމުގެ 32 ދައުވާއެއް ހަސަންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކަނޑައެޅީ 13 އޮފިސަރުންގެ މައްޗަށް އެކުލެވޭ ޖޫރީ ޕެނަލަކުންނެވެ. ކޯޓުގައި ހަސަން ވަނީ ބަޑިޖެހި މީހަކީ އޭނާ ކަމަށް އެއްބަސްވެ ހެދުނު ކޮންމެ ގޯހަކަށް މައާފަށް އެދިފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް އިއްޔެ ބުނީ, އޭނާގެ މައްޗަށް ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ލަފާއަރުވާފައިވާއިރު, އެ ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް ފާސްކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރާނެ ވަގުތާއި ތަން ކަނޑައަޅާނީ ސެކްރެޓަރީ އޮފް ދި އާމީ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.

ހަސަންއަކީ މިހާރު އެމެރިކާ އަސްކަރިއްޔާގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ހަތަރު މީހުންގެ ތެރެއިން އެކަކެވެ. އެމެރިކާގެ އަސްކަރީ ގާނޫނު ބުނާ ގޮތުން، މިލިޓަރީ މަރުގެ އަދަބެއް ތަންފީޒުކުރުމަށް އެމެރިކާގެ ރައީސްގެ ހުއްދަ ބޭނުންވެ އެވެ. އަދި މިކަން ކުރިއަށް ގެންދިއުމަށްޓަކައި އިސްތިއުނާފީ މަރުހަލާގެ މުރާޖައާއަކާއި އޭގެ ގާނޫނީ ސައްހަ ކަމާމެދު އެންމެ ފަހުގެ ނިންމުމެއް ނިންމަންޖެހެ އެވެ.

ޔޫއެސް ކޯޓް އޮފް އެޕީލްސް ފޮ ދި އާމްޑް ފޯސަސްއިން 1983 ގައި މިލިޓަރީ މަރުގެ އަދަބަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައެޅި ނަމަވެސް، 1984 ގައި އޭރުގެ ރައީސް ރޮނަލްޑް ރޭގަން ނެރުއްވި ރިޔާސީ ގަރާރަކުން ވަނީ އެ އަދަބު އަލުން ރުޖޫއަ ކުރައްވައިފަ އެވެ.