ފޮޓޯ: މަޖިލިސް

މި ސަރުކާރު މިހާރު ކާޓޫނަކަށް ވެއްޖެ، މިދަނީ ހަމަ މަގެއްގައެއް ނޫން: ނަޝީދު

މ
21 ނޮވެމްބަރު 2026 18:332 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މި ސަރުކާރު މިދަނީ ހަމަ މަގެއްގައި ނޫން ކަމަށާއި މިއީ މިހާރު ކާޓޫނެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ, ރާއްޖޭ މިވަގުތު މިއޮތީ ވަރަށް ނާޒުކު އަދި ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ޑޮލަރުގެ އަގު އުފުލެމުންދާއިރު, ޑޮލަރުގެ އަގާއެކުގައި ތަކެތީގެ އަގުވެސް އުފުލި ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިގުތިސާދު ހިންގާނެ ގޮތް މި ސަރުކާރަށް ކުޑަކޮށްވެސް އެނގޭ ކަމަށް އަޅުގަނޑުމެންނަށް މިހާރު ދެކެވޭކަށް ނެތް. މާލީ ކަންކަންވެސް ބަލަހައްޓާކަށް އެ ބޭފުޅުންނަކަށް (މި ސަރުކާރަށް) އެނގިވަޑައެއް ނުގަންނަވާ. އަޅުގަނޑުމެންގެ ކަންބޮޑުވުން ވަރަށް ބޮޑު," ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މިދިޔަ ތިން އަހަރަކީ ރާއްޖޭގައި އިގުތިސާދީ ދިރުން އެންމެ ހީނަރު ތިން އަހަރު ކަމަށާއި ޖީޑީޕީ ގްރޯތް ހުރީ ވަރަށް ދަށުގައި ކަމަށެވެ. އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޖީޑީޕީ ގްރޯތް 10 ޕަސެންޓުގައި ހުންނަންޖެހޭއިރު, ރާއްޖޭގައި އެއް ޕަސެންޓަށްވެސް ނާރާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ, ނޫސްވެރިކަމުގެ މިނިވަންކަމަށް ހަމަލާދީ, އަބުރު ރައްކާތެރިކުރުމާއި އިހްތިރާމް ދިނުމުގެ ވާހަކަ މި ސަރުކާރުން ދައްކާއިރު އަމިއްލަ އަބުރު ރައްކާތެރިކުރަންޖެހޭ ކަމަށެވެ. އެގޮތުން ވާހަކަތަކެއް ދައްކާނީ ކޮންމެވެސް ތެދެއް އޭގެ ތެރޭގައި ހިމެނޭތީ ކަމަށާއި އެ ކަންކަން ފޮރުވުމަށްޓަކައި އެތައް ހުއްޖަތަކާއެކު ބޮޑެތި ޖަލްސާތައް ބޭއްވި ނަމަވެސް އެއީ ގަބޫލުކުރެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.

"ދާދި ފަހުން އަޅުގަނޑު ނެރުނީ ކުރު ވާހަކަ. ގައުމީ މަޝްރޫއެއްގެ ވާހަކަ. މި ގައުމީ މަޝްރޫޢުގެ ވާހަކަ އަޅުގަނޑު ނެރުނު ފަހުން އަޅުގަނޑަށް މި އަންނަނީ ކާޑެއް، އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވައިލި ވާހަކަ. އަޅުގަނޑު ދަންނަވާނީ މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ. މި ސަރުކާރު އެއްގޮތަކަށްވެސް މި ދަނީ ހަމަ މަގެއްގައެއް ނޫން," ނަޝީދު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.