އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފިއެވެ.
އެމަނިކުފާނަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިޞްރުގެ ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނައިދެއްވުމަށާއި، ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްޕުޅުތަކެއް ޢަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ.
ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 8 ފެބުރުވަރީ 1981 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެފަހުން، އެ އޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަގާމުވެސް ފުރުއްވިއެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން، އެ މަދަރުސާގެ މުދީރުކަމަށް 15 ޖަނަވަރީ 1987 ގައި ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ހަމަޖެއްސުވުމާއެކު، އެ މަގާމުގައި ހުންނަވައިގެން، އެ މަދަރުސާގެ ހިންގުން ހަރުދަނާކުރައްވައި އެ މަދަރުސާގެ މުޤައްރަރު އަލުން މުޠާލިޢާ ކުރައްވައި، ޘާނަވީ ތަޢުލީމުން ފެށިގެން ޢަރަބިބަހުން ތަޢުލީމުދޭ މަދަރުސާއަކަށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި ޢަމަލީގޮތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ.
ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމްގެ ޢިލްމީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ފެށްޓެވި، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށްޓަކައި އުފެއްދެވި ކޮމިޓީގައި އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެއްވި ޚިދުމަތެވެ. އެ ކޮމިޓީގެ ރައީސްކަންވެސް 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ކުރެއްވިއެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުގައިވެސް ތަފާތު އެތައް މައުޟޫޢަކަށް ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ޢިލްމީ ތަޤްރީރުތައް ކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ. މޯލްޑިވްސްއިން ފޮނުވަމުން ގެންދެވި ދީނީ އެކިއެކި ޕުރޮގުރާމުތަކުގައްޔާއި، ޢިލްމީ ބަޙުޘްތަކުގައި އެ މަނިކުފާނު ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، ހުކުރު ޚުޠުބާވެސް ގިނަ އަދަދަކަށް ލިޔުއްވި ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފުތާއަކު ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" މި ނޫހަށް އެކިއެކި މައުޟޫޢުތަކަށް ކޮންމެ ހަފުތާއަކުވެސް ލިޔުއްވަމުން ގެންދެވިއެވެ.
ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއަށާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށްވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެތަންތާނގައި ހިންގި ތަފާތު ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވަމުން ގެންދެވި އަދި ދަރިވަރުންގެ މަޤްބޫލުކަމާއި ތާރީފު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދަރިވަރުންނަށް ހެޔޮއެދިވަޑައިގަންނަވާ، ޢިލްމީ މައިދާނުގައި ފުންނާބު އުސް އުސްތާޛެކެވެ. ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ، ދީނީ އަދި ޢިލްމީ ވަރަށްގިނަ ފޮތްފޮތް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި، ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން ދީނީ ވާހަކަ އަދި ސިލްސިލާއެއްގެ ގޮތުގައި ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން، ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް ބައެއް ފޮތް ލިޔުއްވައިފައި ވެއެވެ. ބޭރުގެ ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކުގައިވެސް ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައެވެ. އަދި ބައިނަލްއަގުވާމީ ބައެއް ކޮންފަރެންސްތަކުގައިވެސް ރާއްޖެ ތަމްސީލު ކުރައްވައިފައި ވެއެވެ.
ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 10 ނޮވެންބަރު 2008 ގައެވެ.











ކޮމެންޓް