99 ޕަސެންޓް ބިދޭސީންގެ އިނގިލިތަކުގެ ނިޝާން ނަގައި, 12,800 އަށްވުރެ ގިނަ މީހުން ފުރުވާލައިފި

މ
18 ނޮވެމްބަރު 2026 12:051 މިނިޓުގެ ކިޔުން
Aa

ބިދޭސީން

ރާއްޖޭގައި ތިބި ބިދޭސީންގެ 99 ޕަސެންޓް މީހުންގެ އިނގިލިތަކުގެ ނިޝާން ނަގާ ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, ދާހިލީ ގޮތުން ކުރަންޖެހިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން ކުރީ ސަރުކާރުތަކުންވެސް މަސައްކަތް ކުރި ނަމަވެސް އެކަން ނުވެ އޮތުމުގެ ސަބަބުން ވެރިކަމާ ހަވާލުވި އިރު, ރާއްޖޭގައި އުޅެނީ ކިތައް ބިދޭސީންކަމެއް, އެ މީހުން ތިބީ ކޮންތަނެއްގައި ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"... މިއަދާ ހަމައަށް އައި އިރުގައި ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް ނަގައި ނިމިއްޖެ. ބާކީ އެންމެ ޕަސެންޓެއް. މި އެޗީވްމަންޓަކީ މުޅި ދުނިޔޭގެ އެންމެ އެއް ޕަސެންޓް ގައުމުން ހާސިލުކުރެވިފައިވާ ވަރެއް. އެކަމަކު ރާއްޖޭން މިވަނީ މިކަން ހާސިލުކޮށްފައި. އިހުލާސްތެރިކަމާ އެކު މަސައްކަތެއް ކުރަންޏާމު ކަންކަން ހާސިލު ކުރެވޭނެކަން މީގެން އެނގެނީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފައްތުމަށް އެ މީހުންގެ އިނގިލިތަކުގެ ނިޝާނާއި ފޮޓޯ ނެގުމަށް 'ކުރަނގި' ނަމުގައި ކެމްޕެއިނެއް ފެށީ 2 މޭ 2024 ގައެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ލިޔެ ރައީސް އޮފީހުން ނެރެފައިވާ ފޮތުގައިވާ ގޮތުން މިހާތަނަށް 292,509 ބިދޭސީއެއްގެ އިނގިލިތަކުގެ ނިޝަން ވަނީ ނަގައިފަ އެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި 12,884 މީހަކު ފުރުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ފޮތުގައިވާ ގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖެއިން ފުރުވާލެވިފައިވަނީ 2,549 މީހުންނެވެ.

Read in English
99 percent of expatriates fingerprinted, more than 12,800 deported
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.