މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެލް.ޕީ.ޖީގެ ބާޒާރަށް ބާރުބޮޑުވެ، ދަތުރުފަތުރަށް ދިމާވި ހުރަސްތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ މުހިންމު އެއް މަސްދަރަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ހަކަތައިގެ އަގުތައް ދިރާސާކުރާ އެޖެންސީއެއް ކަމަށްވާ "އާގަސް" އިން ހާމަކުރާ ގޮތުގައި، ކަނޑުމަގުން ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ އެލް.ޕީ.ޖީގެ ގާތްގަނޑަކަށް %30 ފޯރުކޮށްދެނީ ގަލްފް ސަރަހައްދުގެ ގައުމުތަކުންނެވެ.
"އޯ.ޕީ.އައި.އެސް" އިން ހިއްސާކޮށްފައިވާ ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މައްސަލަތައް ދިމާވުމުގެ ކުރިން މެދުއިރުމަތިން އޭޝިއާ ސަރަހައްދަށް މަހަކު އެވްރެޖްކޮށް 4 މިލިއަން ޓަނުގެ އެލް.ޕީ.ޖީ އެކްސްޕޯޓް ކުރެއެވެ. ނަމަވެސް، އޭގެ ފަހުން މަސްދުވަހުގެ ނިސްބަތުން ބަލާއިރު އެއްވެސް މަހެއްގައި އެކްސްޕޯޓް ކުރެވުނު މިންވަރު 1.5 މިލިއަން ޓަނަށްވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަތްކަނޑުގެ ބަނދަރެއްކަމަށްވާ ޔަންބޫ މެދުވެރިކޮށް ކުރިއަށްގެންދާ ބަދަލުމަގުގެ އެކްސްޕޯޓް ވޮލިއުމްވެސްވަނީ ދަށަށް ގޮސްފައެވެ.
2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ސައުދީ އަރަމްކޯގެ އެންމެ މުހިންމު އެލް.ޕީ.ޖީ އެކްސްޕޯޓް ފެސިލިޓީ ކަމަށްވާ "ޖުއައިމާ" އަށް ލިބުނު ގެއްލުންތަކާ ގުޅިގެން، މެއިމަހުގެ ނިޔަލަށް އެތަނުން މުދާފޮނުވުންއޮތީ މެދުކަނޑާލާފައެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީ ސްޕްލައިކޮށްދޭ މައި ކުންފުނިތަކުން މިހާރުދަނީ ކަނޑައެޅިފައިވާ ބެންޗްމާކް އަގަށްވުރެ ބޮޑު އަގުތަކެއް ކަނޑައަޅަމުންނެވެ. ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އެލް.ޕީ.ޖީ ވިއްކަމުންދަނީ ސައުދީ އަރަމްކޯގެ ކޮންޓްރެކްޓް އަގަށްވުރެ ޓަނަކަށް 300 އާއި 400 އެމެރިކާ ޑޮލަރާ ދެމެދުގެ އިތުރު އަގަކާއެކުގައެވެ.
ކޮންމެ މަހަކު ކައްކާގޭހުގެ އަގަށް އަންނަ އިތުރުވުމާއި ގުޅިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކައްކާގޭހުގެ އަގުތައް ވަރަށް ބޮޑަށް އުފުލެމުންދާކަންވަނީ ފާހަގަކުރެވިފައެވެ. އަދި މިސަރަހައްދުގެ ބައެއް ގައުމުތަކުން ކައްކާގޭސް ހުސްވެ، ހަފްތާއަކަށް ދެމިގެންދާކަންވެސްވަނީ ފާހަގަކުރެވިފައެވެ.

ދުނިޔޭގެ ބާޒާރަށް އެލްޕީޖީގެ ބުރަ ބޮޑުވެއްޖެ
Aa










ކޮމެންޓް