މާތް الله އިންސާނާ ލެއްވީ އެންމެ މާތްކުރެއްވި މަހުލޫފުގެ ގޮތުގައި ކަމަށާއި އެހެންކަމުން ޖަމާއަތެއްގެ އުފާވެރިކަން އަދި ގައުމެއްގެ ރަށްވެހިކަން ދިރިގެން އަންނަނީ އެކަން އޭނާގެ ކިބައިން ފާޅުވެ, އޭނާގެ އަމަލުތަކުން ހާމަވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ, ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އާދަތައް ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫއު, "އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ރަސްމީކޮށް ފެށުމަށް މާލޭ ދުވާ ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ, ތަހުޒީބު އިންސާނީ ކޮންމެ ޖަމާއަތެއްގައި ވެސް އެ ބައެއްގެ ގައުމީވަންތަކަން ދައްކައިދޭ ހާއްސަ ސިފަތަކެއް ހިމެނޭ ކަމަށާއި އެ ބައެއްގެ އިންސާނީ އަހުލާގިއްޔާތުގެ ފެންވަރާއި މިންވަރު އަންގައިދޭ މާނަހުރި ފާހަގަތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފާޅުކަންބޮޑު ނިޝާންތަކަކީ އެ ބައެއްގައި ހުންނަ އިހުތިރާމްކުރުމުގެ ސިއްފަތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, އިހުތިރާމް އަދާކުރުމަކީ ދިވެހީންގެ ކިބައިން ވަރަށް މަތިވެރި ދަރަޖައަކަށް އެއް ޒަމާނެއްގައި ފެނުނު މާނަވީ ހަގީގަތެއް ކަމަށާއި ދިވެހީންގެ ކިބައިން އޭރު ފެނުނު މަތީ ދަރަޖައަކަށް އިޙްތިރާމްކުރުމުގެ މާތް ސިފައަކީ ދިވެހީންގެ އެންމެހައި ކަންތައްތަކާ ގުޅިފައިވާ ދިވެހިވަންތަކަމުގެ ހާއްސަ ފާހަގައެއްގެ އިތުރުން ދިވެއްސެއް ކަމުގެ ސާފު ދަލީލެއް ކަމަށެވެ.











ކޮމެންޓް