WhatsApp Image 2026-11-14 at 16.32.04

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ދިވެހިންނަކީ ފުދުންތެރި, އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހަދަން: ޝިޔާމް

މ
14 ނޮވެމްބަރު 2026 17:032 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު އަމާޒު ހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި އަބުރުވެރި އަދި ތަހުޒީބީ ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވަން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ރޭ ބޭއްވި އެއްވުމާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ, ގައުމީ ކަމެއްނަމަ އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި ނަމަވެސް ރޭ ފެނިގެން ދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ގެ ކެމްޕެއިން ލޯންޗުކުރި މަންޒަރު ކަމަށެވެ. އަދި އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާޒާތުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ, ރައީސް މުއިއްޒަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދެއްވައިގެން ގައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަވެރިކަމެއް ކުރައްވާ ރައީސް ކަމަށެވެ.

އަދި ރާއްޖޭގެ ވެރިކަން މީގެ ކުރިން ކުރެއްވި އެހެން ވެރިންނާ ހިލާފަށް ރައީސް މުއިއްޒަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތު ކުރައްވާ އަދި މައުނަވީ ގޮތެއްގައި އެންމެ ބޮޑު އިހުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާގުޅޭ ކަންކަން މީގެކުރިން ރައްޔިތުން ކުރެން އަހާނުލާ އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލާ ކުރައްވައިގެން ތިއްބެވި ބޭފުޅުން މިއަދު ޤައުމޭ، މިނިވަންކަމޭ، ސިޔާދަތޭ އަދި ދީނޭ ވިދާޅުވިޔަސް ރައްޔިތުންނަށް އެބޭބޭފުޅުންގެ ސިޔާސީ ފަތިފުށް އަދި ނިޔަތް ވަރަށްވެސް ސާފު. އެބޭފުޅުން ހާސިލްކުރައްވަން ބޭނުންފުޅުވަނީ އެންމެ ކަމެއް. އެއީ ސިޔާސީ މަގުސަދު," ޝިޔާމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ, ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވާ އެކަންކަން ދިފާއުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ, ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިގެ ދައްކައި, ދަރަނީގެ ދަންތުރައިން ގައުމާއި ރައްޔިތުން ސަލާމަތްކުރުމެވެ.

ޝިޔާމް ވިދާޅުވީ, ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ބިލިއަން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.

"މަޝްރޫއުތައް ކިތަންމެ ބިޔަވެފައި އަގު ކިތައްމެ ބޮޑުވިޔަސް މި ސަރުކާރަކީ ދިވެހީންގެ ދީނާއި ސަގާފަތާއި މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް އަދި އިންވެސްޓުމަންޓަކަށްވެސް މަރުހަބާ ކިޔާނެ ސަރުކާރެއް ނޫން," ޝިޔާމް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.