Raees muizzu

ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދޭން ޖެހޭ: ރައީސް

ގ
13 ނޮވެމްބަރު 2026 20:401 މިނިޓުގެ ކިޔުން
Aa

ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައިކުރެއްވި މެސެޖެއްގައެވެ.

ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ދުނިޔޭގެ ކަންކަން ހިނގާގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ތާރީޚުން ފިލާވަޅު ލިބިގަނެ މުސްތަޤްބަލު އުޖާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން، ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހިފައިއޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި ޤައުމީ ސަލާމަތާއި ރައްޔިތުންގެ ފުދުންތެރިކަމަށް ޖާގަދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދަރަނީގެ އަޅުވެތިކަމުގައި ފަނާވުމުގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި މުސްތަޤްބަލަކަށް އަމާޒު ހިފުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ ދިވެހި ޤައުމީ އަބްޠާލުންގެ ޒިކުރާ، އަމަލީ ގޮތުން ދިރުވައި އާލާކޮށް، އެ ބަޠަލުން ހޯއްދަވައިދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި، ޖޯޝް، ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ މަޤުޞަދުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.