ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ޝާއިއުކުރި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި ތިބި ސަބަބު ސާފުކުރަން ކަމާގުޅޭ އިދާރާތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ކުޑޫ މިއަދު ފޮނުވި ސިޓީގައި ވިދާޅުވީ, އެފަދަ މީހުން ގޭބަންދުގައި ތިބުމަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅިފައިވާ, ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ތަފުސީލު މައުލޫމާތު ރައްޔިތުންގެ މަޖިލީހުން ހޯދައި, އެޅެން ހުރި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ, ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއްވެސް ނުހިނގާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެ ގާނޫނުތަކުގެ މަގުސަދަކީ އެފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައި, ކުޑަކުދިން އެފަދަ ކުށްވެރިންގެ ކިބައިން ރައްކާތެރިކުރުން ކަމަށާއި އެހެންކަމުން އެފަދަ މީހުން ހުކުމުގެ މުއްދަތުގައި ޖަލުން ގޭބަންދަށް ބަދަލުކުރެވިފައިވަނީ ކޮންގަތަކުންތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.
ކުޑޫ ވަނީ އެ މައްސަލާގައި ބައެއް މައުލޫމާތުތައް ސާފުކުރުމުގެ އިތުރުން އެކަމުގެ ގާނޫނީ ޒިންމާ އޮތް ފަރާތްތައް ދެނެގަނެ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ.
ކުޑޫ ސާފުކުރަން އެދިވަޑައިގެންނެވި ކަންކަން:
1. ލިސްޓުގައިވާ މީހުން ޖަލުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ކޮން ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން, ކޮން ފަރާތެއް ނިންމުމަކުންތޯ?
2. ގޭބަންދުގައި ތިބުމަށް އެ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިތޯ އަދި އެ ޝަރުތުތަކަށް އަމަލުކުރޭތޯ ބަލަހައްޓަމުންދަނީ ކޮން ފަރާތަކުންތޯ?
3. އެ މީހުން ތިބި ގޭގައާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އަދި އެ މީހުން ގޭބަންދަށް ބަދަލުކުރެވިފައިވާ ރަށް ރަށުގެ ކައުންސިލަށާއި އެކަމާ ގުޅުންހުރި ބެލެނިވެރިންނަށް އެކަން އަންގާފައިވޭތޯ?
4. އެ މީހުންގެ ފައިގައި ޓެގު އަޅައިގެން އެ މީހުން ހުރިތަން ބަލަހައްޓާ ނިޒާމެއް އޮވޭތޯ? ނުވަތަ އެކަމަށް ވުޒާރާއިން ގެންގުޅޭ ސިޔާސަތީ ކޮބައިތޯ?
5. އެ މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ވުޒާރާއިން ކުރައްވާނެ ކަންތައްތަކަކީ ކޮބައިތޯ?
ކުޑޫގެ ސިޓީގައި އޭނާ ހުށަހެޅި މައްސަލައަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ނާޒުކު ކަމަކަށްވާތީ އެކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.











ކޮމެންޓް