ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ކަސްޓަމަރުންނަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން، "އެސްޓީއޯ ރަމަޒާން ބާޒާރު 2027" ފަށައިފި އެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފުލާއަކަށްފަހު އެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެވެ.
10 މާރިޗު 2027 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި ކޮންމެ ދެ ހަފުތާއަކު، 500ރ އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2500ރ ގެ ގިފްޓް ވައުޗަރެއް ލިބިގެންދާއިރު، 5000ރ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި މި އަހަރު ކަނޑައަޅާފައިވަނީ 100،000ރ ގެ ފައިސާގެ އިނާމެކެވެ. ޕްރޮމޯޝަން ނިމުމާއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް މި އިނާމު ލިބިގެންދާނެ އެވެ.
ރަމަޒާން ބާޒާރާ އެކު، އެސްޓީއޯ އިން ވަނީކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައިއެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށްފަ އެވެ.
އޭގެ އިތުރުން އެތަނުގެ ފުރަތަމަ ބުރީގައި ހެދި މަޝްހޫރު ފްރެންޗައިޒް، ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ރަސްމީކޮށް އިއްޔެ ވަނީ ހުޅުވައިފަ އެވެ. މިއީ މާލޭގައި ހުޅުވި އެ ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓެވެ.
ކޮފީ ބީންސް އެންޑް ޓީލީވްސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ އެންމެ ފުރަތަމަ އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލޭގައެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެ އެވެ.











ކޮމެންޓް