ކަޅުދަބަހެއް މަޖިލީހަށް ވައްދައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ނުބަހާ ކަމަށް ހަތިމުގައި އަތްލާފައި ހުވާކުރަން ކެރިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް އެހެން ވިދާޅުވީ, މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ރައްޔިތުންގެ މަޖިލީހުން ނުކުންނެވި އިރު ކޮނޑުގައި އޮތް ކަޅު ދަބަހަކީ ޖެހިގެން އޮތް ދުވަހު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ރިއަލް އެސްޓޭޓް ބިލު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހަން ފައިސާ އަޅައިގެން ގެންދިޔަ ދަބަހެއް ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރުން ވާހަކަދައްކަވާފައިވާތީ އެވެ.
"ދާދި ފަހުން ވެސް ބައެއް ބޭފުޅުން މި މަޖިލީހަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ކަޅު ދަބަހެއް ހިފައިގެން މިތަނުގެ މީހުންނަށް ލާރި ބެހި ވާހަކަ. އަސްލު މިކަހަލަ ވާހަކަ ނުވާނެ ދައްކާކަށް މަޖިލިސް މެންބަރުންނަށް ނިސްބަތްކޮށް, މެންބަރުންގެ އަގު ވައްޓާލުމަށްޓަކައި. ހަމަ ހުވާކޮށްފައި ބުނަން ކެރޭ, މަޖިލީހުގެ އެއްވެސް އިއްޒަތްތެރި މެންބަރަކަށް ކަޅުދަބަސް ހިފައިގެން ލާރި ނުދޭކަން. މިއީ ހަމަ އަޅުގަނޑަށް ހުވާކޮށްފައި, ހަތިމުގައި އަތްލާފައި ބުނަންކެރޭވަރުގެ ވާހަކައެއް މިއީ," ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ފައިސާ އަޅާފައި ހުރި ކަޅު ދަބަހެއް ހިފައިގެން މަގުމަތީގައި ހިނގާފައި އައިސް މަޖިލިސް ތެރެއަށް ނުވަންނާނެކަން ބުއްދި ހުރި މީހަކު ވެއްޖެއްޔާ އެނގެންވާނެ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވި ނަމަ, އެއަށްވުރެ ރީތިކޮށް އަދި ސިއްރުން އެކަން ކުރެވެން އެބަ އޮތް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެފަދަ ތުހުމަތުތައް މަޖިލީހުގެ މެންބަރުންނަށް ކުރާއިރު, އެފަދަ ވާހަކަތަކަކީ ބައެއް ރައްޔިތުން ގަބޫލުކޮށްފާނެ ވާހަކަތަކެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލަން އެފަދަ ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.











ކޮމެންޓް