ރ. އަތޮޅުގައި ޑުރަގުގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، ރ.މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 15 ނޮވެމްބަރުގެ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާކުރަތު ތިން މީހުން ކަމަށެވެ.
އެއީ އެ ރަށު މަލަ/ ތަލްހަތު ނަސީމް (40އ) އާއި ފަލަކު/ އަހުމަދު ޝާފިއު (23އ) އަދި ބަނބުކެޔޮގަސްދޮށުގެ/ އިސްމާއީލް ރަޝީދު (46އ) އެވެ.
ފުލުހުން ބުނީ، ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ޑުރަގު ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ޑުރަގު ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމް ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަލްހަތް 10 ދުވަހަށް އަދި ޝާފިއުއާއި ރަޝީދު ހަތަރު ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.











ކޮމެންޓް