ޒުވާނުންގެ ހަކަތަޔާނުލާ ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެކަމަށާއި، މާދަމާ ރާއްޖޭގެ މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފާއިތުވެދިޔަ ތިންއަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ހަރުދަނާ ޒުވާނުން ބިނާ ކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވަނީ ވަޠަނީ ޚިދްމަތުގެ ޕްރޮގްރާމާއި، ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ.
އެގޮތުން، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރޭގައި ހިމެނިގެން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެގެން މުޖުތަމަޢުގެ ތެރެއަށް ނުކުމެފައިވާ ކަމަސާއި، އެހެންކަމުން އެ ޒުވާނުންނަކީ، އެކުދިންގެ ހިތުގައި ޤައުމީ ލޯބި އާލާކުރެވި، ރަނގަޅު ތަރުބިއްޔަތަކާ، އަޚްލާޤެއް އަށަގެނުވިފައިވާ ޒުވާނުންކަމުގައެވެ.
އަދި ، މާދަމާ މުޖުތަމަޢުގެ އެކި މަޤާމުތަކަށް ނުކުންނަންތިބި، ޒުވާނުންނަކީ އަޚުލާޤު ރަނގަޅު، ވަގުތަށް ކަމޭހިތާ ހެޔޮލަފާ ބަޔަކަށް ވާނެކަމުގައެވެ. ހަމަ މިއާއެކު، ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގޭ ޕުރޮގްރާމުގެ ތެރެއިން، ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް އުފެދިގެންދާ ކަމަށާއި، އަދި އެޕުރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނު ކުރެވިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވަނީ ވިދާލުވެފައެވެ.











ކޮމެންޓް