ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ހާއްސަ އިނާމު 57 ބޭފުޅަކަށް ދެއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ, އެ އިނާމުތައް ދެއްވާނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދެއްވަނީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާ ބޭފުޅުންނަށެވެ. އެގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ އިނާމު 66 ބޭފުޅަކަށް ދެއްވާފައިވެ އެވެ.
ހާއްސަ އިނާމު މި އަހަރު ދެއްވާ 57 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރި ހަ ބޭފުޅަކާއި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނުވަތަ ލެވެލް 9ގެ ސަނަދެއް ހާށިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ އެ ނޫންވެސް މިންކުރަމުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލުކުރި އެއް ފަރާތަކަށް ހާއްސަ އިނާމު ދެއްވަން ވަނީ ނިންމަވައިފަ އެވެ.
ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.











ކޮމެންޓް