ޓަކާ ޓަކާ ގޮވައިގެން ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ރާއްޖޭގެ މުއްސަނދިންގެ ހީލަތްތެރި ރޭވުމެއް: ނަޝީދު

މ
19 ނޮވެމްބަރު 2026 16:302 މިނިޓުގެ ކިޔުން
Aa

ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ އުފެދިގެން އައީ މީހާގެ ވިސްނުން ކުރިއަށް ގެންދިއުމަށާއި، ރަށުގެ ގޮނޑުދޮށުން ބޭރަށާއި، އަތޮޅުން ބޭރަށް، އަދި ރާއްޖޭގެ އައްސޭރިފަށުންވެސް ބޭރަށް ވިސްނުން ފުޅާކުރުމުގެ މަގުސަދުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން ޔޫއޭއީގެ އީގަލް ހިލްސްއާ ދެކޮޅަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެންނެވެ. އޭގެ އިތުރުން، އެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން ހިންގާ ހަރަކާތުގައި ވެސް އެމްޑީޕީން ދަނީ ބައިވެރިވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ސިފަކުރެއްވީ އެމްޑީޕީ އަކީ މަލްޓިކަލްޗަރަލް އަދި ލިބަރަލް ވިސްނުމުގެ ޕާޓީއެއްގެ ގޮތުގައެވެ. އެ ޕާޓީގެ ނަޒަރުގައި ރައްޔިތުން އެދެނީ ތަނަވަސް، ހާއްސަ ސިފައެއް ނެތް ތާހިރު ދިރިއުޅުމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުން ލަންކާގައާއި މާލޭގައި ބިމާއި ގެދޮރު ހުރުމާއި، ދަރިންވެސް ބޭރު މީހުންނާ ކައިވެނިކޮށްގެން ތިބޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޓަކާ ޓަކާ ގޮވައިގެން އާންމު ދިވެހި ރައްޔިތުންނަށް ލިބެން އޮންނަ ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހީލަތްތެރި ރޭވުމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ޓަކާ ޓަކާ ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ، ހީލަތްތެރި ރޭވުމެއް" ކަމަށް ނަޝީދު ވިދާޅުވިއެވެ. މިކަމަކީ ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލައި ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ އިރު، އެ ގަރާރު ފާސްކުރުމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އެ މަޝްރޫއަށް ތާއީދުކުރައްވާކަން ފާޅުގައި އިއުލާންކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ، އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަށް އެއްވެސް ޝަރުތަކާ ނުލައި ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ޒަޔަނިސްޓުންނާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
1
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.