India police - 2026-11-19T114844.844

2022ގައި ކަނޑަށް ގެއްލުނު މިންހާޖު މަރުވެއްޖެ ކަމަށް ކޯޓުން ހުކުމްކޮށްފި, ޣައިބަށްކުރާ ކަށުނަމާދު މާދަމާ

މ
19 ނޮވެމްބަރު 2026 11:512 މިނިޓުގެ ކިޔުން 3,810
Aa

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ސ. ހިތަދޫ/ މިންހާ, މުހައްމަދު މިންހާޖު މަރުވެފައިވާ ކަމަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ.

މިންހާޖު ދަތުރުކުރި ލޯންޗު އއ. ހިމަންދޫ ބޭރުން ބަންޑުން ޖަހާލީ 6 އޮކްޓޫބަރު 2022 ގައެވެ. އޭނާ އާއެކު ދެން އެ ލޯންޗުގައި ދަތުރުކުރީ ޅ. ހިންނަވަރު/ ގުޑްލަކް, އަލީ އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. އެ ހާދިސާގައި އޭނާ ވަނީ ސަލާމަތްވެފަ އެވެ.

މިންހާޖު މަރުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ސ. ހިތަދޫ/ މިންހާ, މުޒުނާ މޫސާ ދީދީ އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ, މިންހާޖު ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ވަގުތާއި ހާލަތާއި އަދި ތަބީއީ ސަބަބުތަކަށް ބަލާއިރު އެ ހާލަތަކީ މީހެއްގެ ފުރާނަ ސަލާމަތްވުން ނާދިރު, ހަލާކުވެ އަރަގުވުމުގެ ނުރައްކާތެރި ހާލަތެއްކަން އެނގެން އޮތް ކަމަށެވެ.

އަދި އެ ހާދިސާ ހިނގި ވަގުތު އޭނާ އާއެކު އެ ލޯންޗުން ދަތުރުކުރި އަލީ އަހުމަދުގެ ހެކިބަހުން މިންހާޖު އެންމެ ފަހުން ފެނުނު ވަގުތު އޭނާގެ ތަބީއަތަށާއި ޖިސްމާނީ ހާލަތަށް އައިސްފައިވާ ބަދަލުތަކަކީ އޭނާ ދިރިހުރުމުގެ ފުރުސަތު ކުޑަވެ, ފުރާނަ ދިއުމުގެ އިހްތިމާލު ދަލާލަތުކޮށްދޭ ކަމެއް ކަމަށްވެސް ހުކުމުގައިވެ އެވެ.

ކޯޓުން ބުނީ, ހާދިސާ ހިނގި ވަގުތުން ފެށިގެން ދައުލަތުގެ ސަލާމަތީ ބާރުތަކުން ކަނޑާއި ވައިގެމަގުން އެތައް ހާސް އަކަމޭލެއްގެ ސަރަހަދެއްއް ބަލައި, އޭނާ ހޯދުމަށް ކުރި މަސައްކަތުން މިންހާޖުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އަދި މިހާތަނަށް ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ވޭތުވެދިޔައިރު އޭނާގެ އެއްވެސް ހަބަރެއް, އަދި ދިރިހުއްޓާއި ފެނުމުގެ މާއްދީ އެއްވެސް ފުރުސަތެއް ނުވަތަ ގަރީނާއެއް ލިބިފައިނެތުމުން, އިސްލާމީ ޝަރީއަތުގެ ފިގުހީ ހަމަތަކުގައި ބަޔާންކުރާ މަފްގޫދުގެ ހުކުމްތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު މިންހާޖު ދިރިހުރި ކަމަށް ބެލެވޭނެ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމައެއް މިވަގުތު ނެތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

އެ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް ބެއްލެވުމަށްފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީނު އަހުމަދު ހުކުމް ކުރެއްވީ މިންހާޖު ނިޔާވެއްޖެ ކަމަށް ކަނޑައަޅައި ހުކުމް ކުރައްވައިފަ އެވެ.

'ހަފްތާ' އަށް އެނގިފައިވާ ގޮތުގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް އިސްލާމިކް މިނިސްޓްރީން ބަލައިގަނެ، މިންހާޖުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މިންހާޖުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހުކުރު ނަމާދުގެ ފަހުގައި މާލޭ މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
19
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.