f06abcb8-b67b-4f05-9fc1-9de1ef77e87f

ޖީޓީއޭ 6 ކުޅެން ވެގެން އަނބިމީހާ ލައްވައި އުނދަގޫ ނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުވައިފި

މ
19 ނޮވެމްބަރު 2026 09:282 މިނިޓުގެ ކިޔުން
Aa

މިއަދަކީ ގޭމިން ދާއިރާގެ މީހުންނަށް ބޮޑު ދުވަހެކެވެ. ދިގު އިންތިޒާރެއްގެ ނިމުން އަންނަ ދުވަހެކެވެ. މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް ގްރޭންޑް ތެފްޓް އޮޓޯ (ޖީޓީއޭ)ގެ އާ ގޭމު, ޖީޓީއޭ 6 ރަސްމީކޮށް ނެރޭ ދުވަހެވެ. ޔޫކޭ ފަދަ ބައެއް ގައުމުތަކަށް މިހާރު އެ ގޭމު ރިލީޒް ކޮށްފައިވާއިރު, މިއީ 13 އަހަރު ފަހުން ޖީޓީއޭގެ އާ ގޭމެއް ނެރޭ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ތާރީހުގައި ދެވަނައަށް އެންމެ ގިނައިން ވިކުނު ވީޑިއޯ ގޭމް, ޖީޓީއޭ 5 ރިލީޒްކުރީ 2013 ވަނަ އަހަރެވެ.

ޖީޓީއޭ 6ގެ މި ދިގު އިންތިޒާރަށް އެތައް ބަޔަކު, ހާއްސަކޮށް ގޭމަރުން ދަނީ ދުރާލާ ތައްޔާރުވަމުންނެވެ. އޭގެ ތެރެއިން އެކަކަކީ ސްކޮޓްލެންޑުގެ އުމުރުން 38 އަހަރުގެ ޝޯން ލިޓްލް އެވެ.

އޭނާ ވަނީ ގޭމު ކުޅުމަށްތަކައި ވަޒީފާއިން ހަފުތާއެއްގެ ޗުއްޓީއެއް ނަގައިފަ އެވެ. އަދި ގޭތެރޭގެ ޒިންމާތަކުން ވީއްލި ހަމަޖެހިލައިގެން ގޭމު ކުޅުމަށްޓަކައި އޭނާގެ އަނބިމީހާ ނެޓަލީ އާއި 13 އަހަރުގެ ދަރިފުޅު ޗާލޮޓް ލައްވައި ވަނީ 'އުނދަގޫކުރުމުގެ އެއްބަސްވުމެއް' ގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ގޭގެ ސިޓިންރޫމް އެއްކޮށް ޝޯންއަށް ލިބެ އެވެ. އަދި އޭނާ ގޭމު ކުޅެން ހޭދަކުރާ ވަގުތާ މެދު ސުވާލުކުރުމާއި ގޭތެރޭގެ އެއްވެސް މަސައްކަތެއް ހަވާލުކުރުމާއި ކަންނެތް މީހެއްގެ ގޮތުގައި ފާޑުކިޔުން އަދި ގޭމާ ގުޅޭ ވާހަކަތައް ކުރިން ކިޔައިދިނުން ފަދަ ކަންކަން އަނބިމީހާއާއި ދަރިފުޅަށް ވަނީ މަނާކޮށްފަ އެވެ.

މިގޮތުން "ތި ކުޅޭތާ އެތައް ގަޑިއިރެއް ވެއްޖެ" އަދި "ފުރަތަމަ ކަމެއް ކޮށްލަދީފާނަންތަ" ފަދަ ޖުމުލަތައް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ތަށި ދޮންނަން ނުޖެހޭނެ ގޮތް ހެދުމަށްޓަކައި އޭނާ ވަނީ ކަރުދާސް ތަށި ވެސް ހޯދައިފަ އެވެ.

އާއިލާއިން މި ޝަރުތުތަކަށް އެއްބަސްވުމުގެ ބަދަލެއްގެ ގޮތުން ޝޯން ވަނީ މާލީ އިނާޔަތްތަކެއް ދީފަ އެވެ. އެގޮތުން "ސޮއިކުރުމުގެ ފީ" އެއްގެ ގޮތުގައި އަނބިމީހާއަށް 50 ޕައުންޑް އަދި ދަރިފުޅަށް 20 ޕައުންޑް ދިނުމުގެ އިތުރުން، ލުއިކާނާ ގަތުމަށާއި ގޭގެ ހަރަދުތަކަށް ހަފުތާއަކު ކުރާ ހޭދަ 500 ޕައުންޑަށް ވަނީ އިތުރުކޮށްފަ އެވެ.

މި ޗުއްޓީއަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ދުވާލަކު 13 ގަޑިއިރު މަސައްކަތްކޮށް، ހަފުތާ ބަންދުތަކުގައި ވެސް މަސައްކަތަށް ނުކުމެ އިތުރު ފައިސާ ހޯދައިފަ އެވެ.

މި އެއްބަސްވުމަކީ މަޖަލަކަށް ހަދައި ޓިކްޓޮކްގައި ހިއްސާކުރި އެއްޗެއް ނަމަވެސް، އޭގެ ފަހަތުގައި ހަގީގަތެއްވާ ކަމަށްވެސް ޝޯން ބުނެ އެވެ.

ފުރާވަރު އުމުރުން ފެށިގެން ޖީޓީއޭ ގޭމު ކުޅެމުން އަންނަ ޝޯން ދެކޭގޮތުގައި، އެހެން މީހުން އޭނާއާ މެދު ކޮންމެ އެއްޗެއް ހީކުރި ނަމަވެސް، އާއިލާއާއި އޭނާ އުފަލުގައި ހުރުމަކީ މުހިންމު ކަމެކެވެ.

Read in English
Man gets wife to sign no-disturbance agreement so he can play GTA 6
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.