480076_0f33ca64-d_

އަންޕޮޕިއުލާ ކަންތައްކުރާ, ތަފާތު ޕޮލިޓީޝަނެކޭ ކިޔަސް، ގައުމަށް ފައިދާ ވަންޏާ އެކަމެއް ކުރާނަން: ރައީސް

މ
18 ނޮވެމްބަރު 2026 13:102 މިނިޓުގެ ކިޔުން
Aa

އެ މަނިކުފާނަކީ ބައެއް ފަހަރު ވަރަށް 'އަންޕޮޕިއުލާ' ނުވަތަ މީހުން ގިނަ ފަހަރަށް ތާއީދުނުކުރާ ކަންތައް ކުރާ މީހެއް ކަމަށާއި ނަމަވެސް ގައުމަށް ފައިދާ ހުރި ކަމެއްނަމަ އެއީ ކިތަންމެ އަންޕޮޕިއުލާ ކަމެއްވިޔަސް އެކަމެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އެހެން ވިދާޅުވީ, އެ މަނިކުފާނު ނިންމެވި ބައެއް ކަންކަމަށް އިޝާރާތް ކުރައްވަ އެވެ.

ރައީސް ވިދާޅުވީ, އެ މަނިކުފާނު ވެރިކަމާ ހަވާލުވެ މިދިޔަ ކޮންމެ އަހަރަކުވެސް މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް ހުށަހަޅާ ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދީފައިވާނެ ކަމަށެވެ. ނަމަވެސް ކިޔަވައިގެން އެނބުރި ރާއްޖެ އަންނަ ކުދިން މަދުވުމަކީ ހިތާމައެއް ކަމަށާއި އެއީ ރަނގަޅުކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ސަރުކާރުން ހަރަދުކޮށްގެން ހިލޭ ކިޔަވާއިރު, ކިޔަވައިގެން ގައުމަށް ހިދުމަތް ކުރަން ރާއްޖެ އަންނަންޖެހޭނެ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކިޔެވުމަށްފަހު, ގަބޫލުކުރެވޭ އެއްވެސް އުޒުރެއް ނެތި, ގައުމަށް ހިދުމަތް ކުރަން ނާންނަ ނަމަ, ސަރުކާރުން ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ގޮތަށް މި ސަރުކާރުން އުސޫލު ބަދަލުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައެއްފަހަރު ވަރަށް އަންޕޮޕިއުލާ ކަންތައްކުރާ މީހެއް އަޅުގަނޑަކީ. އެހެންނަމަވެސް ރަނގަޅު ކަންތައް ކުރަން އިސްކަންދޭނީ. އަންޕޮޕިއުލާ ވިޔަސް، ގައުމަށް ފައިދާ ހުރި ކަމެއް ވެއްޖެއްޔާ އެއީ ކިތަންމެ އަންޕޮޕިއުލާ ކަމެއް ވިޔަސް، ގައުމަށް އިހުލާސްތެރިވެ، އަޅުގަނޑު އިރާދަކުރެވޭ ކަމެއް ކުރާނަން. ކުރިއަށް އޮތްތާވެސް ކުރާނަން," ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ނިންމެވި އަނެއް 'އަންޕޮޕިއުލާ' ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވީ ޒުވާނުންގެ ދުޅަހެޔޮ ކަމަށް ވޭޕާއި ސިނގިރޭޓު މަނާކުރުމަށް ނިންމެވި ނިންމެވުމަށެވެ.

ރައީސް ވިދާޅުވީ, އެކަންކަން ކުރުމުން ވަރަށް ގިނަ ބައެއްގެ ވިޔަފާރި ހަލާކުވެގެންދާނެ ކަމަށާއި އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށާއި ވޯޓެއްވެސް ނުލިބޭނެ ކަމަށް ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް ވޭޕް އާއި ސިނގިރޭޓު މަނާކުރަން ނިންމެވީ މިއީ ކުޑަ ގައުމެއް ނަމަވެސް, އެ މަނިކުފާނުގެ ހިތުގައި އޮތް އިހުލާސްތެރިކަމާއި ގައުމު ދެކެވާ ލޯބި ބޮޑުކަމުން ކަމަށާއި ބޭނުންފުޅުވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ހެޔޮ ކަންކަން ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ, މިވަގުތު ބައެއް މީހުންނަށް އެފަދަ ނިންމެވުންތަކަކީ އެހާ ޕޮޒިޓިވް ނޫނީ ޕޮޕިއުލާކަމެއްގެ ގޮތުގައި ގަބޫލުނުކުރެވުނު ނަމަވެސް އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑާ ދިމާއަށް ބުނޭ މިއީ ތަފާތު ޕޮލިޓީޝަނެކޭ. ދެން އަސްލުގައި އަޅުގަނޑަށް ވަރިހަމަ ކޮންމެ ކަހަލަ ނަމެއް ކިޔަސް. އަޅުގަނޑަކީ ދެން މީސްމީހުން ކިޔާ ލޭބަލްއަށް މާބޮޑަށް ވިސްނާ މީހެއް ނޫން. އެންމެ ފުރަތަމަ ހަމަ ގައުމު އެ ލޭބަލްއަކީ އަޅުގަނޑަށް ކުރިއަށް ދެވެންޏާ ރަނގަޅުވާނެ," ރައީސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.