ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ މީހެއްގެ ފަރާތުން އައި ބަދުނަސީބުކަމަށް ހީކޮށް, ހިތް ނުބައިކުރުމަކީ ގޯހެކެވެ.

މ
20 ނޮވެމްބަރު 2026 13:082 މިނިޓުގެ ކިޔުން
Aa

ދުންޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެވެސް އިންސާނެއްގެ ފަރާތުން އައި ބަދުނަސީބެއްކަމުގައި ހީކޮށް, އެ ފަރާތަކާ ދޭތެރޭގައި ކުށްހީކޮށް, ހިތް ނުބައިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"އިސްލާމް ދީނަކީ ރިވެތި އަހުލާގުގެ ދީން" މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަހުލާގާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތް الله ބާވައިލެއްވި ދީން ކަމަށާއި ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުނީ މީސްތަކުންނަށް ރިވެތި އަހުލާގު އުނގަންނަވައިދެއްވުމަށް ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ހެޔޮކަމުގެ މީޒާނުގައި ރިވެތި އަހުލާގަށްވުރެ ބަރު އެއްވެސް އެއްޗެއް ނުވެއެވެ,"

އިސްލާމް ދީނުގައި އަހުލާގީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އިސްލާމީ އަހުލާގުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުއާމަލާޓްކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެއް ކަމަށާއި މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ގުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ސިފައެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ދުންޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި ބައެއް ފަހަރު ސިއްހަތު ސަލާމަތުން ހުރި ނަމަވެސް އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވާ ކަމަށެވެ. އަދި ބައެއް ފަހަރު އަތްމަތި ތަނަވަސްވާއިރު އަނެއްބައި ފަހަރު ދަތިހާލަތުގައި އުޅޭންޖެހޭ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އަހަރެމެން ލޯބިވާ ދަރީންނާއި މުދަލާއި ގެދޮރު އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުންނަ ފަހަރު އަންނައިރު، ދިމާވާ ހާދިސާއެއްގައި މި ހުރިހާ އެއްޗެއް ނެތި ފަނާވާ ކަމަށާއި ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭ އިރު އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, އެކި ގޮތްގޮތަށް އަހަރެމެން އިމްތިހާނުކުރައްވާނޭކަން މާތް الله އަންގަވާފައިވާ ކަމަށާއި އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ހަބަރުދެއްވައިވާ ކަމަށް ބުންޏެވެ.

އިސްލާމް ދީނަކީ މީހުންނާ މުއާމަލާތްކުރުމުގައިވެސް ރިވެތި އަހުލާގު އިސްކުރާ ދީންކަން ފާހަގަކޮށް ހުތުބާގައި ބުނީ, ތިމާ އެ މީހަކާ މުހާތަބުކޮށް ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކުކަމުގައިވީ ނަމަވެސް އިސްލާމް ދީނުގައި އަންގަވާފައިވަނީ މަޑުމައިތިރިކަމާއެކު ރިވެތި ބަހުން ބަސްބުނުމަށް ކަމަށެވެ. އެގޮތުން  މާތް ﷲ، ސަލާމް ލެއްވި މޫސާގެފާނާއި ހާރޫނުގެފާނު ފިރުއައުނުގެ ގާތަށް ފޮނުއްވި ހިނދު އެ ބޭކަލުން ފިރުއައުނާ މުހާތަބުކުރައްވާން އެކަލާނގެ އަމުރުކުރެއްވީވެސް މަޑުމައިތިރި ބަހުން ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.