India police - 2026-11-20T203006.697

ރަސްމީ ޖަލްސާތަކުގެ ތަރުތީބަށް ބަދަލެއް؛ ކުރީގެ ރައީސުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަހަތަށް, ފަލާހު އާއި ސަލީމް ކުރިއަށް

މ
20 ނޮވެމްބަރު 2026 20:322 މިނިޓުގެ ކިޔުން
Aa

ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި, ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި އެކިއެކި ލަގަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބަށް 11 އަހަރަށްފަހު ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ, އެ ދެންނެވުން ނުކުތުމުން 19 މޭ 2015 ގައި ނެރެފައިވާ އެ އޮފީހުގެ ނެންބަރު 2015/11 ދެންނެވުން ބާތިލުކުރިކަން ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.

ރަސްމީ ޖަލްސާތަކުގެ ތަރުތީބަށް ގެނައި ބަދަލުގައި ބޮޑެތި ބަދަލުތަކެއް ހިމެނެ އެވެ.

އެއް ކަމަކީ ކުރީގެ ރައީސުންނާއި ކުރީގެ ނައިބު ރައީސުން ލިސްޓުގެ ތިރިއަށް ގެނައުމެވެ. އެގޮތުން ކުރިން އޮންނަ ގޮތުން ނަމަ ކުރީގެ ރައީސުން އަންނަނީ ރައީސްގެ ފަހަތުން ލިސްޓުގެ ދެވަނައަށެވެ. އަދި ކުރީގެ ނައިބު ރައީސުން އޮންނަނީ ލިސްޓުގެ ހަވަނައިގައެވެ.

ނަމަވެސް ލިސްޓު ތަރުތީބުކޮށް ނެރުނު ގޮތުން ނަމަ ކުރީގެ ރައީސުން އަންނަނީ ލިސްޓުގެ ނުވަވަނައަށެވެ. ހަތް ދަރަޖަ ފަހަތަށެވެ. އެއީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި ވަޒީރުން ފެންވަރުގެ ބޭފުޅުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެވެސް ފަހަތެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި ވަޒީރުން ފެންވަރުގެ ބޭފުޅުންނަކީ ސިޔާސީ މަގާމުތަކެކެވެ.

ކުރީގެ ނައިބު ރައީސުން ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕްރޮސިކިއުޓާ ޖެނެރަލް, ހައިކޯޓުގެ އިސް ފަނޑިޔާރުން, ސިވިލް ސާވިސް ކޮމިޝަންގެ ރައީސް, ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްގެވެސް ފަހަތުން ލިސްޓުގެ 15 ވަނައިގައެވެ. އެއީ ނުވަ ދަރަޖައިގެ ދަށްވުމެކެވެ.

ދެން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ލިސްޓުން ކުރި ހޯދި ގޮތެވެ.

މީގެ 11 އަހަރު ކުރިން ތަރުތީބު އޮތް ގޮތުން ނަމަ އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން އަންނަނީ މިނިސްޓަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަހަތުންނެވެ. ނަމަވެސް އެ ތަރުތީބަށް ގެނައި ބަދަލާއެކު މަޖިލީހުގެ ނައިބު ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމެނެނީ މިނިސްޓަރުންގެ މެދުގައެވެ. އެ ދެ ބޭފުޅުންގެ ފަހަތުން ލިސްޓުން ޖާގަ ލިބޭ މިނިސްޓަރުންނަކީ އިސްލާމިކް މިނިސްޓަރު, ޓޫރިޒަމް މިނިސްޓަރު, ޔޫތް މިނިސްޓަރު, ކަލްޗާ މިނިސްޓަރު, ހައުސިން މިނިސްޓަރު އަދި އެންވަޔަރަމަންޓް މިނިސްޓަރެވެ.

އަނެއް ބަދަލަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ލިސްޓުގައި އޮތް ގޮތެވެ. ކުރިން ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނެނީ މިނިސްޓަރުންނަށްފަހު އެވެ. ނަމަވެސް ލިސްޓަށް ގެނައި ބަދަލުގައިވާ ގޮތުން އެ ބޭފުޅުން ދެން ތިއްބަވާނީ ސިޔާސީ ގޮތުން އައްޔަންކުރާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި ވަޒީރުން ފެންވަރުގެ ބޭފުޅުންނަށްވުރެ ވެސް ފަހަތުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.