ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލުންނާ ހަވަލާދީ އެ ގައުމުގައި ހިންގާ ދަ ޑެއިލީ ސްޓާގައި ބުނެފައިވާ ގޮތުން އަންނަ މަހު ބަންގްލަދޭޝްއަށް ރައީސް މުއިއްޒުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ކަމަށާއި އެ ދަތުރުފުޅު ކުރެއްވުން ގާތީ ޑިސެމްބަރު 13 އިން 16 އަށް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ނަމަވެސް ދަތުރުގެ މާބޮޑު ތަފުސީލެއް އެ ނޫހުގައި ނެތެވެ. ދިވެހި ސަރުކާރުންވެސް އެ ދަތުރުފުޅާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްވެއް ބުނެފައެއް އަދި ނުވެ އެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ބަންގްލަދޭޝްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅަކީ އެ ގައުމުގެ އާ ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 22 ސެޕްޓެމްބަރު 1978 ގައެވެ.











ކޮމެންޓް