ރަސްމާލެ މަޝްރޫއު ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ނަގަންޖެހޭ: ނަޝީދު

މ
21 ނޮވެމްބަރު 2026 18:032 މިނިޓުގެ ކިޔުން
Aa

ތިން ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ފުށިދިއްގަރުފަޅު ހިއްކައިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ރެޒިޑެންސީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެންވެސް ނަގަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ, ކަމެއް ރަނގަޅު ކުރާނަމަ, އެކަމެއް ކުރަންޖެހޭނީ ވީހާވެސް ގިނަ ބަޔަކާ މަޝްވަރާކޮށް, ވީހާވެސް ގިނަ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދީ, ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ.

"...ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލި, އެ ޝަކުވާތަކަށް އިޖާބު ދެވިގެން. ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގައި ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިއަށް ގެންދާން މަސައްކަތްކޮށްފިނަމަ އެ ބާވަތުގެ ކަންކަން މިދަނީ ވަރަށް ބޮޑަށް ނާކާމިޔާބު ވެގެން. މިދިޔަ ދެތިން ދައުރެއްގައި އަޅުގަނޑުމެންނަށް މި ބާވަތުގެ ކިތަންމެ ކަމެއް ފާހަގަވެ ހިނގައްޖެ," ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވަނީ އެ މީހުންނަށް ވާނުވާ އޮޅުން ނުފިލާތީ ކަމަށެވެ. ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ގަބޫލުކުރެވުނު ނަމަވެސް އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވާ ނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ ކަމަށެވެ.

"ކަމެއް ކާމިޔާބުކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު، ރުހުން ކޮންމެހެން އޮންނާނެ. ފުށިދިއްގަރު ފަޅާ ގުޅޭގޮތުން މިހާރު މި ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މެދުގައި ބަހުސްކުރެވި، އެ މައްޗަށް ރައްޔިތުން އެބަ ގޮތެއް ނިންމަންޖެހޭ. ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާ މި މަޝްރޫއު ކުރިއަށް ގެންދަނީ ނަމަ, އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް," ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, އެ މައްސަލައިގައި އަޑު އުފުލުމަށް އެމްޑީޕީން މި މަހުގެ 26 ވަނަ ދުވަހު މުޒާހަރާއަށް ނުކުންނަން ނިންމާފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.