ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން, ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ނުވަތަ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި, އެކަމަށް އަދަބު ކެނޑުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު އިސްލާހު ހުށަހަޅުއްވައިފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް މީކާއިލް ވިދާޅުވީ, ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާއިރު, ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހަކު އަމިއްލަ އިހްތިޔާރުގައި ނިންމަވީ ކަމެއް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކާއި ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރަނީ ސަރުކާރުން ކަމަށްވާއިރު އެ ވެރިން ކުންފުނިތަކުގެ މުވައްޒަފުންނަށް, ވަކި ޕާޓީއަކަށް ސޮއިކުރުމަށާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއަޅައި ފިއްތުންތައް ކުރިމަތިކުރުމުގެ ފުރުސަތު އޮންނަ ކަމަށް މީކާއިލް ވިދާޅުވި އެވެ.
އަދި އެފަދަ އަމަލުތަކަކީ ކުށެއްކަމުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ ވަޒީފާއާ ބެހޭ ގާނޫނަށް މީކާއިލް ހުށަހެޅުއްވީ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން ވަކި މާއްދާއެއް ހިމަނާށެވެ.
އެ މާއްދާގައި ބުނަނީ ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން ވަކިވުމަށް އަދި ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއްގައި، ޖަލްސާއެއްގައި ނުވަތަ އެ ނޫން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް މުވައްޒަފަކަށް އެންގުމަކީ މަނާކަމެއް ކަމަށެވެ.
އެ މާއްދާއާ ހިލާފުވާ ފަރާތަކުން އެ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ވެސް ބިލަށް ހުށަހެޅި އިސްލާހުގައިވެ އެވެ.











ކޮމެންޓް