ނޮވެމްބަރ 22, 2024

ސުވަރުގޭގައި ދާއިމަށް ދެމިތިބޭނެތެވެ

ހެޔޮ ޢަމަލުގެ ފަތް ހިފައިގެން ކާމިޔާބީ އިޙްތިފާލުކުރަމުން ސުވަރުގެއަށް ވަންނަ މީހުން އެ ތަނުގައި ތާއަބަދަށް ދެމިތިބޭނެތެވެ. އެބައިމީހުން އެތަނުން ދުވަހަކު ވެސް ނުނިކުންނާނެތެވެ.

ސުވަރުގެއަކީ ކިޔަމަންތެރިއަޅުންގެ ޝަރަފަށް ޓަކައި ﷲ ދެއްވާ މަތިވެރި ކަމެކެވެ. އެއީ އީމާންވެ ހެޔޮ ޢަމަލުކުޅަ މީހުންނެވެ. ގިނަ މީހުންނާ ޚިލާފަށް ތަޤުވާގެ އަހުލުވެރިން ދުނިޔޭގެ އެތައް ލައްޒަތެއް ދޫކޮށްލިއެވެ. އެތައް އެދުންތަކެއް ފަހައްޖައްސައި ކެތްތެރިކަން އިސްކުރިއެވެ. އެ ޤުރުބާނީއާ އެއްވަރުގެ އުޖޫރައަކަށް ސުވަރުގެ ނޫން އެހެން ދަރުމައެއް ވެސް ފުދުނީހެވެ. އެހެނަސް ﷲ އެދިވޮޑިގަންނަވަނީ ކިޔަމަންތެރި އަޅުންނަށް އެބައިމީހުންގެ މަސައްކަތަށްވުރެ އިތުރަށް ސަވާބާ ދަރުމަ ދެއްވާށެވެ.

ސުވަރުގެއަކީ އެއްވެސް ލޮލަކަށް ފެނިފައި ނުވާ އަދި އެއްވެސް ދުލަކުން ބަޔާންނުކުރެވޭނޭ އަދި އެއްވެސް ހިތަކަށް ތަސައްވުރު ނުކުރެވޭނޭ ތަނެކެވެ. އެހެންކަމުން އެތަނުގެ މޮޅުކަން ވަނީ އިންތިހާއަށް މަތިވެރިވެގެންނެވެ. އެފަދަ ތަނަކަށް ވަދެ އުޅެފައި ނިކުންނަށް ޖެހިއްޖެ ނަމަ އެ މީހަކު ދެން އުޅޭނޭ އެހެންތަނެއް ނެތި މާޔޫސްވެދާނެއެވެ. އެވަރުގެ އެހެންތަނެއް ކީއްކުރަންތޯ، އެ ތަނާ ފެންވަރުގެ ގޮތުން ކައިރިވެސް ވާނޭ ތަނެއް ނުހުންނާނެއެވެ. އެހެންކަމުން ސުވަރުގެއަށް ވަދެވޭ މީސްތަކުންނަށް ދެއްވޭނޭ މަތިވެރި އެއް ނިޢުމަތަކީ އެ ތަނުގައި ތާއަބަދު ދެމިތިބުމުގެ ނިޢުމަތެވެ.

އިންސާނެއްގެ ޚިޔާލަށް އަންނާނޭ ހުރިހާ އަރާމަކާއި ޢީޝަތެއް އެ ތަނުގައި ލައްވައިފައި ވެއެވެ. ސުވަރުގެއަށް ވަދެވޭ މީހާ އެތާނގެ އުފާތަކުގެ ރަހަދެކި ލައްޒަތު ޙާޞިލުކުރަމުން ދާނީ އެންމެ ފުރިހަމަ ޙަޤީޤީ މާނައިގައެވެ. އޭނާގެ ސިކުނޑިއަށާއި ހަށިގަނޑުގެ ގުނަވަންތަކަށް އިޙްސާސް ކުރެވޭ ގޮތުގައެވެ. އެ ތަނުގައި އެބައިމީހުން އެ ނިޢުމަތްތައް ލިބިލިބި ތިބޭނީ އެއިން އެއްވެސް ނިޢުމަތެއް އުނިވުމެއް ނެތް ޙާލުއެވެ. އެއިން އެއްވެސް ނިޢުމަތެއް ފަނޑުވުމެއް ވެސް ނުވެއެވެ. އެ ނިޢުމަތްތައް ހޯދުމަށް ހުރަސް އެޅޭ އެއްވެސް ކަމެއް އެ ތަނުގައި ދިމާނުވާނެއެވެ. އުނދަގުލެއް ތުރާލެއް ކުރާނޭ އެއްވެސް ސަބަބެއް އެ މީހުންނާ ކުރިމަތި ނުވާނެއެވެ. މިއީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅުތަކުންނާއި ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކުން އެނގެންއޮތް ކަންކަމެވެ.

ސުވަރުގެ ސިފަކޮށްދެއްވަމުން އައްރަޢުދު ސޫރަތުގެ 35ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ تَجْرِي مِن تَحْتِهَا الْأَنْهَارُ أُكُلُهَا دَائِمٌ وَظِلُّهَا تِلْكَ عُقْبَى الَّذِينَ اتَّقَوا﴾ ‎﴿الرعد: ٣٥﴾‏ މާނައީ: [ތަޤުވާވެރިންނަށް ވަޢުދުކުރައްވައިފައި ވާ ސުވަރުގޭގެ މިސާލު (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ ތަޤުވާވެރިވި މީހުންގެ ނިމުމެވެ.]

ސުވަރުގެއަށް މީސްތަކުން ވަންނާނީ ސަލާމަތްތެރިކަމާ އަމާންކަން މަތީއެވެ. އަދި އެ ތަނުގައި އެއްބަޔަކު އަނެއްބަޔަކަށް ހަސަދަލައި ނޫޅޭނެތެވެ. އެކުވެރިކަމާއި އެއްބަނޑުއެއްބަފައިކަން މެނުވީ އެތާނގައި ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ﴾ ‎(الحجر: ٤٥) މާނައީ: [ހަމަކަށަވަރުން، ތަޤުވާވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ.] ﴿ادْخُلُوهَا بِسَلَامٍ آمِنِينَ﴾ ‎(الحجر: ٤٦) މާނައީ: [(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާ އެކު، އަމާންކަން ލިބިގެންވާ ޙާލު އެ ތަނަށް ވަންނާށެވެ!] ﴿وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ﴾ ‎(الحجر: ٤٧) މާނައީ: [އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ ޙަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ.]

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: «يُنَادِي مُنَادٍ -يعني في أهل الجنة-: إِنَّ لَكُمْ أَنْ تَصِحُّوا فَلا تَسْقَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَحْيَوْا فَلا تَمُوتُوا أَبَدًا، وَإِنَّ لَكُمْ أَنْ تَشِبُّوا فَلا تَهْرَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَنْعَمُوا فَلا تَبْأَسُوا أَبَدًا) (رواه مسلم). މާނައީ: [ސުވަރުގޭގެ އަހުލުވެރިންނާ މުޚާޠަބުކޮށް ގޮވައިލާ މީހަކު ގޮވައިލާނެތެވެ. ބަލިވުމެއް ނެތި ދުޅަހެޔޮ ޞިއްޙަތުގައި ދާއިމަށް އަބަދަށް ތިޔަބައިމީހުން ތިބޭނެތެވެ. މަރުވުމެއް ނެތި ދާއިމަށް އަބަދަށް ތިޔަބައިމީހުން ދިރިތިބޭނެތެވެ. މުސްކުޅިވުމެއް ނެތި ދާއިމަށް އަބަދަށް ތިޔަބައިމީހުން ޒުވާންކަންމަތީ ތިޔަބައިމީހުން ތިބޭނެތެވެ. އެއްވެސް ހިތާމައެއްނެތި ދާއިމަށް އަބަދަށް (ނިޢުމަތްތަކުގެ ބޭނުންކޮށް) ދާއިމަށް އަބަދަށް އުފާކުރުމުގައި ތިޔަބައިމީހުން ދެމިތިބޭނެތެވެ.]

ލޮބުވެތި ކިޔުންތެރީނޭވެ! ވިސްނާ ފިކުރުކުރާށެވެ! ދާއިމީ ގޮވައްޗަކީ ސުވަރުގެއެވެ. އެތަން ޙާޞިލުކުރުމަށް މަސައްކަތް ކުރާން އޮތް ދަނޑުބިމަކީ މި ދުނިޔެއެވެ. ފަނާވަނިވި މި ތަން ދޫކޮށް ދާންޖެހޭއިރު އާޚިރަތައް ތައްޔާރުނުވެ ލަސްނުކުރާށެވެ. ﷲއަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ.

Leave a Reply