ޖުލައި 4, 2024

ހަފްތާ ބަދިގެ: ކްރިސްޕީ ޗިކަން ޕޮޓޭޓޯ ސްޓިކްސް

ބޭނުންވާ ތަކެތި

  • 4 އަލުވި (ބޮޑު)
  • 1/3 ޖޯޑު ޕާމެސަން ޗީޒް (ގާނާފައި)
  • ½ ޖޯޑު ކުކުޅު (ފެނުކައްކައި، ވީދައިފައި)
  • 2 މޭޒުމަތީ ސަމުސާ ކޯން ފްލާ
  • 3 މޭޒުމަތީ ސަމުސާ ފުށް
  • ރަހަލާވަރަށް ލޮނު
  • 1 ސައިސަމުސާ އަސޭމިރުސް
  • ½ ސައިސަމުސާ ގާލިކް ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ކޭޖުން ސީޒަނިން
  • ތެލުލެވޭ ވަރުގެ ތެޔޮކޮޅެއް

 

ތައްޔާރުކުރާނެ ގޮތް

އަލުވިތައް މަށައިލުމަށްފަހު ފެނުކައްކާލާށެވެ. އެއަށްފަހު ފެނުކެއްކި އަލުވި ކޮޅު ކޮންޓެއިނަރަކަށް އެޅުމަށްފަހު ޗަސްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކުކުޅު، ޗީޒް، ކޯން ފްލާ، ފުށް، ލޮނު، އަސޭމިރުސް، ގާލިކް ޕައުޑަރު އަދި ކޭޖުން ސީޒަނިން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު މި މިކްސް ޒިޕްލޮކް ބޭގަކަށް އެޅުމަށްފަހު ރޮށި ދަމާ އެތި ބޭނުންކޮށްގެން ފަތިކޮށް މުޅި ބޭގަށް ފެތުރޭނެހެން ދަމާލާށެވެ. އެއަށްފަހު މި ބޭގް ފްރިޖަށް ލުމަށްފަހު 30 މިނެޓް ވަންދެން ފްރިޖުގައި ބާއްވާލާށެވެ.

އެއަށްފަހު ފްރިޖުން މި ބޭގް ނެގުމަށްފަހު މިކްސް ބޭގުން ވަކިކޮށްލާށެވެ. ދެން މި މިކްސް ފްރައިސް ޝޭޕަށް ކަފާލާށެވެ. ކުޑަ ތެޔޮކޮޅެއް ތަވައަކަށް އަޅައި ހޫނުކުރުމަށްފަހު މި ފްރައިސް މެދު ގިނީގައި ތެލުލާށެވެ.