ޖުލައި 6, 2024

ކުޑަކުދިންގެ އޮރިޔާން ފޮޓޯ/ ވީޑިއޯ ޑައުންލޯޑް ކުރާ މީހެއް، އޭނާގެ އަތުގައި 2 އަހަރުގެ ކުދިންގެ ފޮޓޯވެސް ހުރި!

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އަދި ވީޑިއޯ ޑައުންލޯޑްކުރާ ދެ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގުކޮށް، އޭގެ ތެރެއިން އެކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސޮއްފަތު އަހުމަދު ސަފްވަތު ރައޫފު ވިދާޅުވީ، އެ ދެ މީހުންގެ މައްސަލަ ދިވެހި ފުލުހުންގެ ސަމާލުކަމަށް އައީ ބޭރުގެ ލޯ އެންފޯސްމަންޓް އެޖެންސީއަކުން ދިން މައުލޫމާތުތަކާ ގުޅިގެން ކަމަށެވެ. އެއީ ކޮން ގައުމެއްގެ ލޯ އެންފޯސްމަންޓް އެޖެންސީއެއް ކަމެއް ނުބުނެ އެވެ.

ސަފްވަތު ވިދާޅުވީ، އެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ ތަހުގީގު ނިންމައި އުމުރުން 32 އަހަރުގެ މީހެއްގެ މައްޗަށް ދައުވާ ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އޭނާ ގެންގުޅުނު އެކި ޑިވައިސްތަކުން އުމުރުން ދެ އަހަރާއި 18 އަހަރުން ދަށުގެ އެކި އުމުރުފުރާތަކުގެ ކުދިންގެ ”ފުދޭވަރަކަށް ގިނަ“ ބަރަހަނާ ކޮންޓެންޓް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

”ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކަށް މޯބައިލް ނަންބަރުތައް ހިމެނޭ ގޮތުން މިގޮތަށް މި ޑައުންލޯޑްކުރާ ކުޑަކުދިންގެ ފޮޓޯ/ ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން މިދަނީ،“ ސަފްވަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުއައްސަސާތަކުގެ އިތުރުން މައިންބަފައިން އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ.

”ކުދިން އޮންލައިންކޮށް މޯބައިލް ފޯނުން ކުރާ ކަންތައްތަކަށް ރައްކާތެރިވާންޖެހޭ. އެ ކުދިން ވާހަކަދައްކާ ފަރާތްތައް މައިންބަފައިންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް. މިސާލަކަށް މިހާރަކަށް އައިސް ބައެއް ކުދިން އޮންލައިން ގޭމް ކުޅުމުގެ ތެރޭގައި އެ ކުދިންނާ ދިމާވާ އެކި މީސްމީހުންގެ ފަރާތުން އެކުދިން އެކްސްޕްލޮއިޓް ކުރުމަށް ގޭމްތަކުގައި ބޭނުންކުރާ ޑިޖިޓަލް ފައިސާގެ ޒަރިއްޔާއިން އެ ކުދިންނަށް އެފަދަ މަންފާތައް ދީގެން އެ ކުދިން ލައްވާ ބަރަހަނާ ފޮޓޯ ނަގުވައި ފޮނުވަން ޑިމާންޑް ކުރޭ،“ ސަފްވަތު ވިދާޅުވި އެވެ.