ނޮވެމްބަރ 7, 2024

ގޯތިތައް ހުރީ ފެނާއި ނަރުދަމާގެ ސާވިސް ލައިނަށް އަރައިފައި، އެތަންތަން ރީލޯކެޓް ކުރަނީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތައް ހުރީ ފެނާއި ނަރުދަމާގެ ސާވިސް ލައިން މަތިން ދީފައިކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން އެކްސްގައި މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިންފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ.

”އެހެންނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފަހުރި ބައެއް ހުރަސްތަކާހުރެ ބައެއް ފަރާތްތަކަށް އިން ވަކިކޮށް ހަވާލުކުރުމުގައި ލަސްތަކެއް އެބައުޅޭ. ތިޔަ ފެނިވަޑައިގަންނަވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިން ގޯތިތެރެއަށް އަރާފައިވާ މަންޒަރު. ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކު އަރާގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފަހުރީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ މި ނެޓްވޯކުތައް ގޯތިތަކަށް ނާރާނެ ގޮތަކަށް ރީލޮކޭޓް ކުރަން“ އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ފޭސް ދޭއްގެ ފެނާއި ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެހެން އެ ހިދުމަތްތަކުގެ ނެޓްވޯކްލައިންތައް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން ކުރަމުންދާކަމަށް އެޗްޑީސީން ބުންޏެވެ.

ނެޓްވޯކް ލައިންތައް ބަދަލުނުކޮށް ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކުރުމުގައި ވަރަށް ގިނަ ދަތިތަތަކާ ކުރިމަތިވާނެ ކަމަށެވެ. އެ ދަތިތައް ހައްލުކުރުމަށފަހު ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރާނެކަމުގެ ޔަގީން ދޭކަމަށް އެޗްޑީސީން ބުންޏެވެ.