ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނަށްވުރެ ރައީސް އަބްދުﷲ ޔާމީނަށް އިހުލާސްތެރި އަނބަކުވެސް ދަރިއަކުވެސް ރާއްޖޭގައި ނެތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދުރޭ ވިދާޅުވީ، އިހުލާސްތެރިންގެ ވާހަކަ ދައްކާއިރު އެ ބޭފުޅުން ތިއްބެވީ މިއަދު އޮތް ސަރުކާރުގައި ކަމަށެވެ. އަދި އެގޮތަށް ބުނަން ކެރެނީ އެކަން ދެކެ ތަޖުރިބާކޮށްފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.
”ވަރަށް އަސަރުކުރޭ އަޅުގަނޑުމެންނަށް. ހާދަބޮޑު ގުރުބާނީއެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލުގައޭ އަޅުގަނޑުމެން އުޅުނީ،“ ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ދެ ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން އެ ބޭފުޅުން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރެއްވި މީހުން ދެކުނު ކަމަށެވެ. އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް ހައްޔަރުކުރުމުން އެ ބޭފުޅުންގެ އަނބިކަނބަލުން މުޒާހަރާތަކަށް ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ނުކުމެވަޑައި ނުގެންނެވީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.
”އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީން އެ ހުރިހާ ދުވަހު ޖަލުގައި އޮތްއިރު މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒެއިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންތޯ؟“ އަދުރޭ ވިދާޅުވި އެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް