ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް އަދި ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް ދިމާވިޔަސް އަޅުގަނޑުމެންނަކީ ދިވެހިންކަމާއި މިއީ އެއްބައެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ފިތުރު އީދަށް ދިއްލުން ފައްޓަވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެއް ރޫހެއްގައި އަދި އެއްބައެއްގެ ގޮތުގައި އީދު ފާހަގަކުރައްވަން އެދިވަޑައިގެންފަ އެވެ.
އަދި ދިވެހިންނަކީ އެއް ނަސްލަކަށް ނިސްބަތްވާ އެއް ބަހުން ވާހަކަދައްކައި އެއް ދީނަކަށް ތަބާވާ، އެއްބައިވަންތަ، އެއްބައެއްވަންތަ ބަޔަކަށްވާއިރު އެ އެކުވެރިކަން ނެތިގެން ގޮސްގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް، ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހިންކަން. ދިވެއްސަކަށްވީތީ ފަހުރުވެރި ވާންޖެހޭނެކަން. ދިވެއްސަކަށްވީތީ އަޅުގަނޑުމެންނަކީ ދިވެހި ގައުމުދެކެ ލޯބިވާ، އިސްލާމް ދީނަށް ނަސްރުދޭ ބަޔަކަށް ވާންވާނެކަން، އެ އަޒުމް އެ ކަންތަކުގައި ތަފާތުވެގެން ނުވާނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ދުވަހެއް ނިމޭއިރުވެސް ދިވެހިންނަކީ އެއްބައެއްކަން ކުޑަކުދިންނަށް މައިންބަފައިން ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ އަޒުމް އާދަކުރައްވައި، އެއްބައިވަންތަކަމާއެކު ގައުމު އާރާސްތު ކުރުމަށް ގޮވާލެއްވި އެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ކުޑަކުއްޖަކަށް އުފާވެރިކަން ގެނެސްދޭން. ކޮންމެ ކުޑަކުއްޖަކަށް އެ ކުއްޖާގެ އުއްމީދުތައް ހާސިލުކޮށްދޭން. އާއިލާތަކަށް އުފާވެރިކަން ގެނެސްދޭން. އެހެންވީމަ އެންމެން އެކުގައި ކުރިއަށް ދިޔައީމަ އަޅުގަނޑުމެންގެ އުއްމީދުތައް ހާސިލުވާނެ،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
މެކްސިކޯގެ ރައީސަށް މަގުމަތިން ޖިންސީ ގޯނާކޮށްފި