މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ތިމަރަފުށީ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް ސަނާހު (ސަންޓޯ) ބާކީކޮށްލުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓު، އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް އެރަށަށް ސަރުކާރުގެ ދެ މިނިސްޓަރުން ދިޔުމުން އެރަށު ޕީއެންސީ މެންބަރުން ރުޅިގަދަވެ، މުޒާހަރާ ކުރަންފެށުމުން ވަލު ދޮރާށިން ވަދެ ޖަގަހަ ހުޅުވައިދެއްވައިފިއެވެ.
ޕީއެންސީގެ ޕްރައިމަރީގެ ކާމިޔާބުކޮށް ތިމަރަފުށި ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ސަންޓޯ އެވެ. ނަމަވެސް ޕީއެންސީން އަދި ރައީސް މުއިއްޒު، ނިންމެވީ އަހުމަދު ރިޔާޒަށް ތާއީދު ކުރެއްވުމަށެވެ. އަހުމަދު ރިޔާޒަކީ، ތިމަރަފުށި ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ކޮއްކޮއެވެ. އަބްދުﷲ ރިޔާޒަކީ، ޕީއެންސީއާއެކު ކޯލިޝަން ހަދައިފައިވާ އެމްއެންޕީއަށް ނިސްބަތްވާ މެމްބަރެކެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މިއަދު އަހުމަދު ރިޔާޒުގެ ޖަގަހަ ހުޅުވައި ދެއްވުމަށް ވަޑައިގެންފައެވެ. މިނިސްޓަރުން ވަޑައިގަތުމުން ސަންޓޯއާއި އޭނާގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށްފައެވެ.
ސަންޓޯ ވިދާޅުވީ މުޒާހަރާކުރާތީ ޝިޔާމާއި ހަލީލު، ޖަގަހަ ހުޅުވައިދެއްވީ ވަލު ދޮރޯށިން ވަދެ ކަމަށެވެ. ޖަގަހަ ހުޅުވައި ދެއްވުމަށްފަހު، ޖަލްސާއެއްވެސް ނުބާއްވާކަމަށް ސަންޓޯ ވިދާޅުވިއެވެ.
”މިތަނުގައި މުޒާހަރާ ކުރާތީ ޖަގަހަ ހުޅުވީ ވަލު ދޮރާށިން ވަދެ، އަސްލު ޖަގަހައަށް ވަންނަން ހުންނަ ދޮރަކުން ނޫން ވަނީ، ޖަގަހަ ހުޅުވުމަށްފަހު ޖަލްސާއެއް ވެސް އެތަނުގައި އެމީހުން ނުބާއްވާ،،“ ސަންޓޯ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ތިމަރަފުށީގައި ވަނީ ޕީއެންސީގެ ޖަގަހަ ހުޅުވާފައި ކަމަށާއި އެ ޖަގަހައިގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ސިޔާސީ ހަރަކާތެއް ނުބޭއްވޭނެކަމަށް ސަންޓޯ ވިދާޅުވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓައި، އެ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި އަދި ޕީއެންސީގެ ޖަގަހައެއް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކު ބޭނުންކުރަން ހުއްދަދިން ސަބަބެއް އޮޅުފިލުވަން މިނިސްޓަރުންނާ ސުވާލު ކުރުމުން ޖަވާބު ދީފައިނުވާކަމަށް ސަންޓޯ ވިދާޅުވިއެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ